ރިޔާސީ އިންތިޚާބުން 50 އިންސައްތައަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގައެވެ. އަދި ވޯޓުގެ ކިޔު ބަންދު ކޮށްފައިވަނީ ހަވީރު 4:00ގައެވެ.
ފޯރިގަދަ މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ދަތުރު ކުރައްވާނެ ކަމަށް ހިސާބުތަކުން ދައްކަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒަށް 45.6 އިންސައްތަ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހަށް 39.71 އިންސައްތަ ލިބިވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 6.97 އިންސައްތަ، އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް 2.83 އިންސައްތަ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމަށް 2.57 އިންސައްތަ، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް 1.36 އިންސައްތަ, އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް 0.82 އިންސައްތަ އަދި ހަސަން ޒަމީލަށް 0.15 އިންސައްތަ ލިބިވަޑައިގެންފައި ވެއެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރުން ކުރިއަށްދާއިރު، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 30ގައެވެ. އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 75 އިންސައްތަ މީހުން ކަމަށާއި، މިއީ އެންމެ މަދުން ވޯޓުލީ ރިޔާސީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.