ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އައްޑޫ ސިޓީއަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގަންނަވައިފިއެވެ.
ރައީސް އެ ވައުދުފުޅުތައް ވެވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވެވި "އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އައްޑޫ ތަރައްޤީކުރަން ބޭނުންފުޅުވަނީ މައި އެއް ހަބުގެ ގޮތުގައި ކަަމަށާއި ހުރިހާ ބާރުވެރިކަމަކާއި މަސައްކަތްތަކެއް މަރުކަޒުކުރެވިފައި އެއް ސަރަހައްދަކަށް ފައިދާވާގޮތަށް އޮތް އޮތުން ބަދަލުކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިތުރު ދައުރެއް ދެއްވައިފިނަމަ އައްޑޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްްޤީކޮށްދިނުމާއި، ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ލޯނު ލުއި ގޮތެއްގައި ހޯދައިދިނުމާއި، 1000 ފްލެޓް ޤާއިމްކޮށްދިނުން ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނެއެވެ. ބުރާސްފަތި ދުވަހު ނިމުން ފާހަގަކޮށްފައިވާ އައްޑޫ ހިއްކި ބިމުގައި ޓުއަރިޒަމް ފުޅާކުރުމާއި، ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ އިތުރުން މަގު ހެދުމުގެ މަސައްކަތް އަންނަ ދައުރުގެ ތެރޭގައި ނިންމުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމާއި އެސްޓީއޯ އަދި މޯލްޑިވްސް ގޭސް އިން ވިއްކާ މުދާ އެއް އަގެއްގައި އައްޑޫގައި ފޯރުކޮށްދިނުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރޭސިން އަށް ލޯބިކުރާ ޒުވާނުން ގިނަ އަދަދަކަށް ތިބި އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް ޤާއިމްކޮށްދެއްވުމަށާއި އިތުރު ކުޅިވަރުތައް ކުޅެވޭ ގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމްކޮށްދިނުމަށް ވައުދުވެވަޑައިގެންނެވިއެވެ.
މީގެއިތުރުން އިކުއިޓޯރިއަލް ހޮސްޕިޓަލް އިތުރު ވަސީލަތްތަކާއެކު ތަރައްްޤީކޮށް އެ ތަނަކީ ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ފުޅާ ޚިދުމަތްތަކެއް ލިބޭ ތަނަކަށް ހެދުމާއި، ޕިކްނިކް އައިލެންޑަކާއި މެރިން ސްޓަޑީސް އަށް ޚާއްސަ މަރުކަޒަކާއި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރަކާއި ހުރިހާ ދާއިރާއެއްގައި ކުޑަކުދިންގެ ޕާކު އަދި އައުޓްޑޯ ޖިމްގެ އިތުރުން ނޭޝަނަލް އެގްރޯގެ ޚިދުމަތް ފުޅާކުރުމާއި މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު އަގެއް ހޯދަައި ދެއްްވުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ވަކިވަކި ރަށްރަށަށް ރައީސް ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތަކަކީ:
މަރަދޫ
- ވޮލީ ކޯޓު
- ބެޑްމިންޓަން ކޯޓު
- މަސްވެރިންގެ ހިޔާ
- އައިސްޕްލާންޓް
މަރަދޫ ފޭދޫ
- ފުޓްބޯޅަ ދަނޑު
ފޭދޫ
- ސްކޭޓް ޕާކް
- ކުރީގެ ފުޓްބޯޅަ ދަޑުގައި ސިޓީ ހޮޓަލެއް ޤާއިމްކުރުން
- ދުވާ ސިންތެޓިކް ޓްރެކެއް
- ހޭންޑް ބޯލް ޓްރެކެއް
ހުޅުދޫ އަދި މީދޫ
- އައްޑޫސިޓީގެ ކައުންސިލުން ލިބެ ހުރިހާ ޚިދުމަތެއް އެ ދެ އަވަށުގެ ކައުންސިލް އިދާރާއިން ވެސް ލިބޭ ގޮތް ހެދުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޤާނޫނު އިސްލާހުކުރުން
-- އިންޑޯ ސްޕޯޓްސް ކޮމްްޕްލެކްސް
- އިޖުތިމާއީ މަރުކަޒު
- މޫދަށް އެރޭ ސަރަހައްދެއް
- ސްކޫލަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުން
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ބުދަ ދުވަހުއެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލެއްވީ ބުރާސްފަތި ދުވަހުގެ ރެއެވެ.