އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ވެނެޒުވޭލާގެ ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެގައުުމުގެ ސަރުކާރުން ބުނެފިއެވެ.
ވެނެޒުވޭލާ އިން އާ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށްވެސް އިންޒާރުކޮށްފައެވެ.
ވެނެޒުވޭލާގެ ފޮރިން މިނިސްޓަރު ސަމުއެލް މޮންކަޑާ ވިދާޅުވީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަލައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގައެއް ކަމަށެވެ. އަދި އެކަން ދާނީ ހިނގަމުން ކަމަށާ އެއީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް ނިކޮލަސް މަޑޫރޯ ގާނޫނު އަސާސީ އެކުލަވާލަ މަޖިލިސް އެކުލަވާލުމަށް ހަމަޖެހިފައި ވަނީ ވަނީ ޖުލައި 30 ގައެވެ.
ވެނެޒުވޭލާގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާއިރު ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން މިއަންނަ ބުރާސްފަތި ދުވަހު 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއެއް ކުރުމަށް ވަނީ ގޮވާލާފައެވެ. އެ މުޒާހަރާ ބާއްވަނީ ވެސް ގާނޫނު އަސާސީ އެކުލަވާލުމާ ދެކޮޅަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާއި ބެހޭ ގޮތުން ވޯޓެއް ވެސް ބާއްވާފައެވެ. ވޯޓުގައި ބައިވެރިވި 19 މިލިޔަން މީހުންގެ ތެެރެއިން ތިން ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމާ ދެކޮޅު ހަދާފައެވެ.
ވެނެޒުވޭލާގެ އިދިކޮޅު ކޯލިޝަނުގެ އެެއް ލީޑަރު ކަމަށްވާ ފްރެޑީ ގުއެވަރާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ ހުރިހާ ރައްޔިތުން ވެސް 24 ގަޑިއިރަށް ދިގުދެމިގެންދާ ސުލްހަވެރި ބޮޑު މުޒާހަރާއެއް ކުރުމަށް ކަމަށާއި މިއީ ސަރުކާރަށް ޕްރެޝަރު ކުރުމަށް ކަމަށެވެ.
ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ ހުރިހާ ފަރާތްތަކުންވެސް މަޝްވަރާ ކުރުމަށް ގޮވާލާ ކަމަށާއި އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ވެނުޒުވޭލާގެ މަޝްރަހު ވަނީ ވަރަށް ހަަލަބޮލިވެފައެެވެ. ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ.