ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 19:36
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މުއިއްޒުއަކީ ދެ ދޫފުޅުން ވާހަކަފުޅުދައްކަވާ ބޭފުޅެއް، ކުދި އާބާދީތަކަށް އަޅާލެއްވުމަކީ އެބޭފުޅާގެ ސިޔާސަތެއް ނޫން
 
ރަށެއްގައި 1 މަޝްރޫއު ހިންގާނަމަ ދެން ހިންގަން ނުޖެހޭނެ ކަމަށް ވިދާޅުވި
 
7 އަހަރު މިނިސްޓަރުކަމުގައި، އަސާސީ ޚިދުމަތްތައް ނުލިބޭ އެތައް ހާސް ރައްޔިތުން

"ރަށެއްގައި އެއް މަޝްރޫއު ނުވަތަ ދެ މަޝްރޫއު ހިންގަންޏާ ދެން އިތުރު މަޝްރޫއެއް އެރަށަށް އެ އަހަރު ހިންގުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެ" މިއީ ކުދި ރަށްތައް 7 އަހަރު ވަންދެން ރާއްޖޭގެ ޗާޓުން ގެއްލުވާލި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ބަސްފުޅެެވެ. އާދެ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަމުން ގެންދަވާ ރިޔާސީ ކެންޑިޑޭޓް، ޑރ. މުއިއްޒު ވިދާޅުވި ވާހަކަފުޅެކެވެ. މިއަދު އެވާހަކަ ވިދާޅުނުވިނަމަވެސް އެއީ 7 އަހަރު ރާއްޖޭގެ އުމްރާނީ ދާއިރާ ތަރައްގީކުރުމާ ހަވާލުވެވަޑައިގެން ހުވާކުރައްވައިގެން ހުންނެވި ބޭފުޅާ ވިދާޅުވި ވާހަކަފުޅެވެ.

ބޮޑެތި އާބާދީތަކަކީ އަބަދުވެސް އެ ބޭފުޅުންނަށް އެންމެ މުހިންމު ތަންތަނެވެ. މިހެން ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ކުރީގެ ވެރިކަމުގައި ރާއްޖޭގައި އާބާދީ މަދު ރަށްތައް އޮތީ އެކަހެރި ކޮށްލާފައެވެ. އަސާސީ ޚިދުމަތްތައް 200 މީހުން ދިރިއުޅޭނަމަ ފޯރުކޮށްދޭން ނުޖެހޭކަމަށް ވަކާލާތުކުރެއްވި ބޭފުޅުންނެވެ. ކުދި އާބާދީއެއް އޮތަތީ ލަފާފުރުން އެއީ ކޮންމެހެން ބޭނުންކަމެއް ކަމަށް ދެކެވަޑައިނުގެންނެވި ބޭފުޅުންނެވެ. ކުދި އާބާދީއަކަށްވީތީ 24 ގަޑިއިރު ކަރަންޓު ކޮންމެހެން ހުންނަން ނުޖެހޭކަމަށް ވިދާޅުވި ބޭފުޅުންނެވެ. މީގެ 10 އަހަރު ކުރިން މި ދުވަސްވަރު ނުކުމެ ވަޑައިގެން އެތަކެއް ވައުދުފުޅުތަކެއް ވެވަޑައިގަތެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު އެބޭފުޅުން ކުދި އާބާދީތަކުގެ އަޑު ކަނޑުވާލެއްވިއެވެ. އެކަހެރިކޮށްލެއްވިއެވެ. ބާކީކޮށްލެއްވިއެވެ. އަސާސީ ޚިދުމަތްތަކުން މަހްރޫމް ކޮށްލެއްވިއެވެ.

ދެން އަނެއްކާވެސް މިފަހަރު ނުކުމެވަޑައިގެންފިއެވެ. ނަމަވެސް އެއް ގަހަކުން ނުކުތް މޭވާއެކެވެ. ކަންކަން ކުރައްވާނީ އެބީދައިން ކަމަށް އަދިވެސް ދަނީ ވިދާޅުވަމުންނެވެ. މިހާތަނަށް ކެމްޕޭނަށް އާބާދީ ކުޑަ ރަށަކަށް ވަޑައެއްނުގަންނަވައެވެ. މިސާލަކަށް ބުނާނަމަ ހދ އަތޮޅަށް ވަޑައިގެންނެވި 4 ވަރަކަށް ރަށަކީ 1000ން މަތީގެ އާބާދީތަކެވެ. ކުދި އާބާދީ އޮތް ރަށަކާ ދިމާއަށް ބޯވެސް ދިއްނުކުރައްވައެވެ. ވަގުތު ނެތްކަމަށް ވިދާޅުވެ ދައްކަނީ އުޒުރެވެ. ހަގީގަތުގައި އުޒުރަކަށްވުރެ ބޮޑަށް އެރަށަކަށް އަރައި ދައްކަވާނެ ވާހަކަފުޅެއް، ވެވަޑައިގަންނަވާނެ ވައުދުފުޅެއް ނެތީއެވެ. ލަދުފުޅުން އެކަން ކުރައްވަންވެސް ކެރިވަޑައިނުގަންނަވަނީއެވެ. އެހެނީ މިހާރު އެއިން ރަށަކަށް ވަޑައިގެންފިނަމަ އެ ބޭބޭފުޅުން ނާނޭފުޅުފިއްލަވައި، ގަޟާހާޖާ ކުރައްވާނީ އެންމެ ފުރިހަމަ އަސާސީ ވަސީލަތްތަކާއެކު ކަމަށްވާތީއެވެ. ދަތުރުކުރައްވާ ލޯންޗުކޮޅުން ފައިބާވަޑައިގަންނަވާނީ ޒަމާނީ ބަނދަރަކަށް ކަމަށް ވާތީއެވެ. 7 އަހަރު ވަންދެން ނުކުރެއްވުނު ކަންކަން މިދިޔަ 5 އަހަރު ތެރޭގައި ކޮށް ނިންމާފައިވާތީ އެކަމާ ދެން ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގަންނަވާތީއެވެ.

މިއީ ކުރީގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގައި ޑރ. މުއިއްޒު ހުންނަވައިގެން ދިވެހި ރައްޔިތުން ހަމަހަމަކުރެއްވި މިންވަރެވެ. އަޑުފުޅަށް ބާރުލައްވާފައި، ޖައްވުގައި ބީހޭވަރުގެ ޓަވަރުތަކުގެ ވާހަކަ ދެއްކެވިނަމަވެސް ދިވެހި ދަރިން އޭރު ތިބީ ނަޖިސް ފެނުން ފެންވަރައިގެންނެވެ. ގައިން ތާހިރުވާނެ ގޮތެއް ނެތިފައެވެ. ގަދަ މޫސުންތަކުގައި ފުރާނަ އަތްމައްޗަށް ލައިގެން ރަށުގެ ބޭރަށް ނުނިކުމެވިފައެވެ. ވިހަން ބަނޑުގައި ރިހޭ މައިމީހާއަށް ސިއްހީ ޚިދުމަތެއް ނުލިބިގެން ރަށުން ބޭރަށް ނުދެވި، އެ ވޭނުގައި ދުނިޔެ ދޫކޮށްފައެވެ. މިއީ އިހުމާލެވެ. މިއަދު އަނެއްކާވެސް ފައި ވިއްދަވާފައި ހުންނެވީ ވެރިކަމަށް ވަޑައިގަތުމަށެވެ. ދިވެހިރައްޔިތުން ވިސްނާލަންވީ ކަމަކީ އެ ބޭފުޅާ ވެރިކަަމަށް ވަޑައިގެންފިނަމަ ހައްގު މިންވަރު ލިބޭނެތޯއެވެ. އަސާސީ ޚިދުމަތްތައް ގާއިމްކުރެވޭނެތޯއެވެ. މީގެ 5 އަހަރު ކުރިން އުޅެން ޖެހުނު ހާލުގައި އެކަހެރިވެ ބާކީވެފައި ތިބެންވީތޯއެވެ.

މިއަދު ރަށްރަށުން ފެންނަނީ ތަފާތު މަންޒަރެކެވެ. އަސާސީ ޚިދުމަތްތައް އެއްވެސް އަގަކާނުލައި އާބާދީގެ ކުޑަ ބޮޑުމިނަކަށް ނުބަލައި، ކުލައަކަށް ބޮލަކަށް ނުބަލައި، ލިބޭ މަންޒަރެވެ. ގަދަ ކަނޑުގައި ދުއްވާފައި އައިސް ޒަމާނީ ބަނދަރަކަށް ކައިރިކޮށްލާ މަންޒަރެެވެ. މިއީ މި ނިމެމުންދާ ދައުރުގެ ތަފާތެވެ. ރާއްޖޭގެ 141 ރަށުގައި ފެނާއި ނަރުދަމާ މިއަދު އަޅަންޖެހުމަކީ ކުރީ ސަރުކާރުގެ އިހުމާލު ބޮޑުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެތްކެވެ. ލަފައިފުރާނެ ބަނދަރެއް ނެތި ރަށު ބަންދުން ސަލާމަތްކޮށް، ޒަމާނީ އެތައް އެތައް ބަނދަރެއް މި ދައުރުގެ ތެރޭގައި ހަދަން ޖެހުމަކީ ކުރީ ސަރުކާރުގެ އިހުމާލެވެ. އެއީ ހަމަ މުއިއްޒު ހިއްސާވާ ކުރީ ސަރުކާރުގެ އިހުމާލެވެ. ގެދަބުޅި ޖަހަމުން ދިޔަ ބައު އިންޖީނުގެތަކުގެ ސަބަބުން ލޮލުފިޔަ ޖަހާނުލައި ތިބި ރައްޔިތުން ހަމަހިމޭންކަމާއެކު ނިދާލަން ފުރުސަތުދީ، 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދީ، ފަސޭހަ ޚިދުމަތް ދޭނެ 150ށްވުރެ ގިނަ އިންޖީނުގެއާއި އޮފީސް އިމާރާތް މި ދައުރުގެ ތެރޭގައި އިމާރާތްކުރަން ޖެހުމަކީ ހަމަ މުއިއްޒުގެ އިހުމާލެވެ.

ދުނިޔޭގެ އިގްތިސާދު ފަތުއަޑު ކިޔާފައި ރޮކެޓް ސްޕީޑުގައި ކުރިއަށްދިޔައިރު، އޭރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ޖީބަށާއި، އަމިއްލަ އުސް އިމާރާތަށް ޚަރަދުކުރެއްވުން ނޫން އިތުރުކަމެއް ނުކުރެއެވެ. މިއަދުވެސް ނުކުމެވަޑައިގެން ތިއްބެވީ އެ މަގުސަދުގައެވެ. އިތުރު އެހެން އެއްވެސް މަގުސަދެއް ނެތެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ދެން ވިއްކަވާލައްވާނީ ކުދި އާބާދީތައް ދިރިއުޅެމުން އަންނަ ރަށްތަކެވެ. އާބާދީތައް މަދު ރަށްތައް އަނެއްކާވެސް ޗާޓުން ފޮހެލައްވާނެއެވެ. ވިސްނާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
33%
0%
67%
ކޮމެންޓް