ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 18:29
ރައީސް ރ. އަނގޮޅިތީމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުން
ރައީސް ރ. އަނގޮޅިތީމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުން
ރައީސް އޮފީސް
ރ. އަތޮޅުގައި ސަރުކާރުން ހިންގި މަޝްރޫއުތައް
ރ އަތޮޅުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި
 
ރ. އަނގޮޅިތީމާއި ރަސްގެތީމާއި ވާދޫގެ ބައެއް މަޝްރޫއުތައް ރައީސް ވަނީ ހުޅުއްވައިދެއްވާފައި

ރ އަތޮޅުގައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވީ އަންގާރަ ދުވަހު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ. އެގޮތުން، ރ. އަނގޮޅިތީމާއި ރަސްގެތީމާއި ވާދޫގެ ބައެއް މަޝްރޫއުތައް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.

އަނގޮޅިތީމުގައި ރައީސް ހުޅުއްވައިދެއްވީ ބަނދަރާއި، ފެނަކަ އައު އޮފީސް އަދި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓަރީއެވެ. އެ ރަށުގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިލައި، ނެރުބައްތިއާއި ބަނދަރުބައްތި ޖަހައި، ޕޭވްމަންޓް ވަނީ ހަދާފައެވެ.

މީގެ އިތުރުން އަނގޮޅިތީމު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގައި އިދާރީ މަސައްކަތްތައް ކުރާނެ އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ސްޓޯރ ރޫމާއި، ކޮމްޕްރެޝަރ ރޫމާއި ލޯންޑަރީ ވަނީ ގާއިމުކޮށްފައެވެ. އެރަށުގެ ފެނަކަ އައު އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. މީގެކުރިން އަނގޮޅިތީމުގައި ފެނަކަ އޮފީސް ހިންގަމުން ދިޔައީ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ.

ރަސްގެތީމަށް ވަޑައިގެން ރައީސް ވަނީ އެރަށު ބަނދަރާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައި، އެރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އެ ރަށުގެ ޖެޓީ އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔައިރު، މި މަޝްރޫއުގެ ދަށުން ބަނދަރާއި، ނެރު ފުންކުރުމާއި، ބޮޑު ހިލަ ބޭނުންކޮށްގެން 359 މީޓަރުގެ ތޮށި ލުމާއި، 140 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 272 މީޓަރުގެ އެއްގަމުން ތޮށި ލުމާއި އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތުރީ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ ހަވާލުކޮށްގެންނެވެ.

ރައީސް ވާދުއަށް ވަޑައިގެން އެ ރަށުގެ އިންޖީނުގެއާއި ފެނަކަ އޮފީސް އަދި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވިއެވެ. އެ ރަށުގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތްކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ކުރިއަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާ އެކުގައެވެ.

ވާދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ކްލޭ އެލްއެލްޕީއާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި