ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނިންމައިފި އެވެ.
އުމުރުން 47 އަހަރުގެ ކޮންޓޭ އެއްބަސްވުން އާކޮށްފައިވާކަން ޗެލްސީން ހާމަކޮށްފައިވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ.
ޗެލްސީގެ ބައެއް ކުޅުންތެރިންނާއި ކޮންޓޭ އާއި ދެމެދު މައްސަލަތަކެއް ޖެހި އޭނާ ކްލަބު ދޫކޮށްލަން އުޅޭކަމަށް ދާދި ފަހުން ރިޕޯޓްތައް ބުނެފައިވާއިރު، އޭނާ ޗެލްސީއާ ހެދި އެއްބަސްވުމުގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރާނެއެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ އޭނާ ޗެލްސީގައި ހޭދަކުރި ފުރަތަމަ އަހަރު ހާސިލްކުރަން ބޭނުންވިކަންތައް ހާސިލްކުރެވުނު ކަމަށާއި، ކުރިޔަށް އޮތް ސީޒަނުގައިވެސް އެންމެ މަތީ ފަންތީގައި ވާދަކުރަންޖެހޭ ކަމަށެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އުފަލުންހުރި ކަމަށާއި، ސަޕޯޓަރުންދޭ އެއްބާރުލުންވެސް ފާހަގަކުރާ ކަމަށްވެސް ކޮންޓޭ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ އަދިވެސް ގިނަ ކާމިޔާބީތައް ކުރިޔަށް އޮތްތަނުގައި ކްލަބާއެކު ހޯދަން ބޭނުންވާ ކަމަށެވެ.
ޗެލްސީގެ ކޯޗުކަމާއި ކޮންޓޭ ހަވާލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެކުލަބަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އެފްއޭކަޕް ފައިނަލުގައި އެޓީމު ވަނީ އާސެނަލް އަތުން ބަލިވެފައެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަ ކުރުމަށްޓަކާ ޓްރާންސްފާގައި ޓީމަށް މޮޅެތި ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް މީގެ ކުރިން ކޮންޓޭ ވަނީ ބުނެފައެވެ. ނަމަވެސް ކޮންޓޭ ޝައުގުވެރިވާ ބައެއް ކުޅުންތެރިން ލިބިދާނެ ކަމާއިމެދު ސުވާލު އުފެދިފައި ވާއިރު، ދާދި ފަހުން އެޓީމުގެ ތަރި ޑިއޭގޯ ކޯސްޓާ އާއި ކޮންޓޭ އާއި ދެމެދު މައްސަލަތަކެއްޖެހި އޭނާ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އިޓަލީ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ކޮންޓޭ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 47 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 37 މެޗުން ޗެލްސީ މޮޅުވިއިރު، ހަތް މެޗުން ވަނީ ބަލިވެފައެވެ. އަދި ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.
އިޓަލީ ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ކޮންޓޭ ވަނީ ސެރިއާގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން ޔުވަންޓަސް ކުޅުންތެރިޔެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުންވެސް އޭނާ ވަނީ ގިނަ ކާމިޔާބީ ހޯދާފައެވެ.