ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.
އޮސަސޫނާގެ އަމިއްލަ ދަނޑު، އެލް ސަޑާ ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާސެލޯނާ އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޖޫލްސް ކޫންޑޭ އެވެ. ދެ ވަނަ ހާފުގައި އޮސަސޫނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޖީސުސް އަރޭސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮސަސޫނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޗިމީ އެވިލާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މެޗުން ބާސެލޯނާ މޮޅުވީ 85 ވަނަ މިނެޓުގައި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. އެއީ އޮސަސޫނާގެ އޭރިޔާ ތެރެއިން ލެވަންޑޯސްކީ އަށް ކުރި ފައުލަކަށް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މޮޅާއެކު، މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެން ބާސެލޯނާ އޮތީ ތިން ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. އެ ޓީމު ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތަރު މެޗުން ލިބެނީ 12 ޕޮއިންޓެވެ. ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗެވެ.