ތިން ރަން މެޑެއްޔާއެކު ފާތިމަދު ދީމާ އަލީ އަކީ މިފަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ޗެމްޕިއަނެކެވެ. ހަމަ އެއަދަދަށް ރަން މެޑަލް ހޯދައިގެން އައިޝަތު ރަފާ ނާޒިމް އަކީވެސް ޗެމްޕިއަނެކެވެ. އެއް ރަން މެޑައްޔާއެކު ފާތިމަތު ނަބާހާއާއި, އައިމިނަތު ނަބީހާއަކީވެސް ޗެމްޕިއަނެވެ. ހަމަ އެހެންމެ ރަފާއާއެކު މިކްސް ޑަބަލްސްގައި ރަން މެޑަލް ހޯދައިގެން މޫސާ މުންސިފް އަކީވެސް ޗެމްޕިއަނެކެވެ. ރަން މެޑެއްޔެއް ނެތި މުޙައްމަދު ޝައްފާން އިސްމާއީލްއަކީވެސް މިފަހަރުގެ ޗެމްޕިއަނެކެވެ. ހަޤީޤަތުގައި މިގޭމްސްގެ އާ ޗެމްޕިއަނަކީ ޝައްފާނެވެ.
ދީމާއާއި, ރަފާއާއި, ނަބާއަކީ މިގޭމްސްއަށް އައިއިރުވެސް މިގޭމްސްގެ ޗެމްޕިއަނުންނެވެ. ރަފާއާއެކު މުންސިފް ރަން މެޑަލް ހޯދާ މިގޭމްސްގެ ޗެމްޕިއަނުންގެ ސަފުން މުންސިފްވެސް ވަނީ ޖާގަ ހޯދާފައެވެ. ރަން މެޑެއްޔެއް ނެތަސް ޝައްފާން ޗެމްޕިއަނަކަށް ވަނީ ޓޭބަލް ޓެނިހުގެ ސާޅީހަށްވުރެ ގިނަ އަހަރުވީ ރެކޯޑެއް މުގުރާލާ ފައިނަލަށް ޓީޓީ ޓީމް ގެންގޮސް ދިނުމުގައި ދެއްކި އާދަޔާޚިލާފް ހިތްވަރުގެ ސަބަބުންނެވެ. ޓޭބަލް ޓެނިސް ސިންގަލްސް މުބާރާތެއްގެ އޯޕަންސް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުގައި ލިޔެލުމުންނެވެ. އެއަށްވުރެ ބޮޑަށް އެކަމަށް ކުރި މަސައްކަތާއި, މަޑަގަސްކަރާގައި މަޑަގަސްކަރަ ސަޕޯޓަރުންގެ ކުރިމަތީގައި ދެއްކި ގަދަ ހިތްވަރާއި, މޮޅު ކުޅުމުގެ ސަބަބުންނެވެ. މަޑަގަސްކަރައިގެ އެއްވަނަ ކުޅުންތެރިޔާ ނަޓިވެލް ޖޮނަތަންއާ ދެކޮޅަށް ދެއްކީ ވަރަށް ވަރުގަދަ ރޫހެކެވެ. އޭނާ އަތުން މިމުބާރާތުގައި ގޭމެއް ހޯދުނު ހަމައެކަނި ކުޅުންތެރިއަކީވެސް ޝައްފާނެވެ. ފައިނަލްގައި ޝައްފާން ބަލިވީ 4-2 ނެވެ.
ޓީމް އިވެންޓްގެ ފައިނަލަށް ދަތުރުކޮށް ފައިނަލްގައި މަޑަގަސްކަރަ އަތުން 3-2 ން ބަލިވިއިރުވެސް ޝައްފާން ވަނީ އޭނާ ވާދަކުރި ދެ ޓައި ކާމިޔާބުކޮށްފައެވެ. އެމެޗު ކުރިއަށް ދިޔައިރު އަދި އެމެޗަށްފަހުވެސް ދިވެހި ކޮންޓިންޖެންޓްގެ ސަޕޯރޓްގެ އަޑާއި, ޝައްފާނުގެ ނަމުން ގުގުމާލި ގުގުމާލުމުންވެސް ޝައްފާނަކީ ޗެމްޕިއަނެއްކަން ސާބިތުކޮށްދިނެވެ. އެކަން މުޅި ދިވެހި ކޮންޓިންޖެންޓް ގަބޫލުކުރިކަން ހާމަކޮށްދިނެވެ.
ޝައްފާން ވަނީ މިކްސް ޑަބަލްސްގައި ދީމާއާއެކު ލޯ މެޑަލްވެސް ހޯދާފައެވެ. މިކްސް ޑަބަލްސް ސެމީގައި ބަލިވީ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޕެއަރ ރަފާއާއި މުންސިފް އަތުންނެވެ. ރައްޖޭގެ ދެ ޕެއަރ ސެމީގައި ޖެހި ފައިނަލްގެ ފުރުޞަތު ގެއްލުނީއެވެ.
ގޭމްސްއަށްފަހު ޝައްފާން ބުނީ މިގޭމްސްއަށް ފުރަތަމަ ޓާގެޓަކަށް އޮތީ މެޑަލްއެއް ހޯދުން ކަމަށެވެ. އެކަމަކު ގޭމްސްގެ ވަރަށްކުރީކޮޅު އެކަން ހާސިލްވުމުން އިތުރު މެޑަލް ހޯދަން އަމާޒުހިފި ކަމަށެވެ. އަދި އެކަންވެސް ހާސިލްވުމުން ހުރިހާގޮތަކުންވެސް މިގޭމްސްއަކީ ކާމިޔާބު ގޭމްސްއެއް ކަން ޝައްފާން ފާހަގަކުރިއެވެ. އެކަމަކު ހަގީގަތުގައި ޝައްފާނަށްވެސް އަދި މުޅި ފިރިހެން ޓީމަށްވެސް ލިބުނު އެންމެބޮޑު ހިތްހަމަޖެހުމަކީ ފިރިހެން ޓީމަށްވެސް މެޑަލް ހޯދޭނެކަން ދައްކައިދެވުމެވެ.
ހަމައެކަނި އަންހެން ޓީމަކަށް ނޫންކަން, ފިރިހެން ޓީމްގައިވެސް އެވަރަށް އެފަޓްލާފަ މަސައްކަތްކޮށްފިއްޔާމް އެކަން ކުރެވޭނެކަން ދައްކައިދެވުނީމަ އެންމެބޮޑު ހިތްހަމަޖެހުމަކީ. ޖުމްލަކޮށް ޓޭބަލް ޓެނިސްއިން މިދިޔަ ފަހަރާ އަޅާބަލާއިރު ވަރަށްބޮޑު ކާމިޔާބީއެއް މިހޯދާ ދެވުނީ. ވަރަށް އުފާވޭ, އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކާމިޔާބީއެއް ހޯދައިދެވޭތޯ ބަލާނަން.މުހައްމަދު ޝައްފާން އިސްމާއީލް
ޓޭބަލް ޓެނިސް އެސޯސިއޭބަންގެ ނައިބުރައީސް އަދި ގޭމްސްގައި ފިރިހެން ޓީމުން މެޗުތައް ކުޅެމުންދިޔައިރު ކުޅުންތެރިންނަށް އިރުޝާދުދޭން ކޯޗެއްގެ ގޮތުންވެސް މަސައްކަތްކުރެއްވި އިބްރާހިމް ޝިއުރީ ވިދާޅުވީ ޝައްފާނަކީ ޓީޓީ ކުޅެން ބޭނުންވެ, ޓީޓީން ނަތީޖާއެއް ހޯދަން ބޭނުންވެ, އެކަމަށް ހުސްވެގެން ކުޅޭ ކުޅުންތެރިއެއް ކަމަށެވެ.
ފުރުޞަތު ދިނީމަ ވަރަށް ފުރިހަމައަށް އެފުރުޞަތުގެ ބޭނުންހިފި, ކްރޮއޭޝިޔާ ޓްރެއިނިންގައިވެސް މެކްސިމަމް ބޭނުންކޮށްގެން އޭގެ ނަތީޖާ މިއަދު މިފެނިގެންދިޔައީ. ޝައްފާންގެ މިޑެޑިކޭޝަންގެ ނަތީޖާ އަސްލު މިފެނިގެންދިޔައީ. ޖުމްކަލަކޮށް ބުނާނަމަ ވަރަށް އައުޓްސްޓޭންޑިންގ ޕާފޯމަންސެއް ހަމަ, އަނެއްކާވެސް ހަމަ ހިސްޓްރީއެކޭ ބުނެވޭނީ. ރާއްޖޭގައި ސިންގަލްސް އިވެންޓަކުން ނެތް ފައިނަލަށް ދަތުރުކޮށްފައެއް. މިއީ އަނެއްކާވެސް ތާރީޚުގެ ތެރެއަށް ވަދެގެންދާނެ މެޑަލްއެއް.އިބްރާހީމް ޝިއުރީ/ ބެޑްމިންޓަން އެސޯސިއޭޝަންގެ ނައިބުރައީސް
ޝައްފާނުގެ މިކާމިޔާބީތަކާއެކު ޖުމްލަކޮށް މުޅި ފިރިހެން ޓީޓީ ޓީމުން ކުރި ހިތްވަރު ފާހަގަކުރަން ޖެހެއެވެ. ފިރިހެން ޓީމުން މެޑަލް ހޯދާނީ ކޮންއިރަކުންތޯ, ތަކުރާރުކޮށް ކުރަމުން އައި ސުވާލުތަކަށް އަވަސް ޖަވާބެއް ދިން ޒުވާން ޓީޓީ ޓީމަށް ހަގީގަތުގައިވެސް ސާބަހެވެ. ޓީމްގެ އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިޔާ ކެޕްޓަން މޫސާ މުންސިފްގެ ލީޑަރޝިޕާއި ދެއްކި ތަފާތުވެސް ހަގީގަތުގައި ފާހަގަކުރަން ޖެހެއެވެ. އެކަމަކު މިގޭމްސްގައި އަޅުގަނޑަށް އާ ޗެމްޕިއަނަކީ ޝައްފާނެވެ.