ނޮޓިންހަމް ފޮރެސްޓް އަތުން 1-0އިން ޗެލްސީ ބަލިވި މެޗަށް ފަހު ސަޕޯޓަރުން ވަރަށް ބޮޑަށް ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ނުރުހުން ފާޅުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ޗެލްސީގެ ގިނަ ސަޕޯޓަރުން ބުނަނީ ފުރަތަމަ 11ގައި ބްރެޒިލްގެ ޑިފެންޑަރު ލައްވައި ކުޅުވަން ނުފެންނަ ކަމަށެވެ. އަދި ސަޕޯޓަރުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކިބައިން އެދިފައިވަނީ ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު 38 އަހަރުގެ ސިލްވާ ބެންޗަށް ބަދަލުކުރުމަށެވެ.
ބައެއް ސަޕޯޓަރުން ބުނީ ސިލްވާގެ ސަބަބުން ޗެލްސީ ކުޅެނީ ފަސް ޑިފެންޑަރުންނާއެކު ކަމަށާއި ޗެލްސީ ބަލިވަމުން ދިޔުމުގެ އެއް ސަބަބަކީ އޭނާ ކަމަށެވެ.
ނަމަވެސް މި ވާހަކަތަކަށް ސިލްވާ ވެސް ވަނީ ސޯޝަލް މީޑިއާގައި ރައްދުދީދީފަ އެވެ. އޭނާ ބުނީ ފެންނަ ފެނުމަށް ފަހަތުގައި ފަސް ކުޅުންތެރިން ތިބޭތަން ފެނުނަސް ޓީމު ކުޅެނީ ހަތަރު ޑިފެންޑަރުން ފަހަތުގައި ތިބޭ ގޮތަށް ކަމަށެވެ. އަދި ޓީމު ބަލިވާނަމަ އެކަމުގެ ޒިންމާގެ އޭނާގެ ބޮލުގައި އެޅުވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ކޯޗު ޕޮޗެޓީނީ ވަނީ މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ކުޅުންތެރިން ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
މިއީ ޗެލްސީކަން އަހަރުމެންނަށް އެބައެނގޭ. ކޮންމެ މެޗަކުން ވެސް މޮޅުވާން ބޭނުންވާނެ. އެކަން ނުވާނަމަ ފާޑުކިޔާނެ. އަހަރެން ދެކޭ ގޮތުގައި މި މެޗުގައި ވެސް އަހަރުމެންގެ ކުޅުން ގޯހެއްނޫން. އަހަރުމެންނަށް ލިބުނު ރަނުގެ ދެ ފުރުސަތުގެ ބޭނުން ހިފުނުނަމަ ހާފް ޓައިމަށްދާނީ ވެސް 2-0ގެ ލީޑަކާއެކުޕޮޗެޓީނޯ
އޭނާގެ ކޯޗުކަމުގައި މި ސީޒަނުގައި ޗެލްސީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނަމަވެސް އޭނާ ބުނީ އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ 11 ކަށަވަރުނުވާނެ ކަމަށާއި ކުޅެން ފުރުސަތު ލިބޭނީ އެކުޅުންތެރިއެއްގެ އަމިއްލަ މަސައްކަތުން އެކަން ސާބިތުކޮށްދީގެން ކަމަށެވެ.