އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދ.ކުޑަހުވަދޫ އަދި ގދ.ތިނަދޫ ދަތުރުކޮށްފިއެވެ.
ތިނަދޫއިން ފައިނަލަށް ދަތުރުކުރީ ސެމީގައި ށ.މިލަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. އަންގާރަ ދުވަހު ހަވީރު އަމިއްލަ ރަށުގައި ތިނަދޫއިން މިލަންދޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗް ތިނަދޫއިން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ފުރަތަމަ ހާފްވެސް އެޓީމުން ނިންމާލީ 2 ލަނާޑާއި އެކުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުމޮށްދިނީ ޕެޗަރޯމަން އެއިޒަގޫރާ އެލައިން އެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޯޓޭގާ ލިޒާނޯ އައިޓޯއެވެ.
ދެވަނަ ހާފު ފެށިގެންވެސް އެޓީމުން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ދެވަނަ ހާފުގެ އިތުރުވަގުތު ކޮޅުގެ ތެރޭގައި 3 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 2 ވަނަ ލަނޑުވެސް އެޓިމަށް ކާމިޔާބުކޮށްދިން އޯޓޭގާ ލިޒާނޯ އައިޓޯއެވެ.
ފައިނަލުގެ ދެވަނަ ޖާގަ ކުޑަހުވަދޫއިން ހޯދާފައިވަނީ އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީގައި ކުޅުނު ސެމީގެ ދެވަނަ މެޗުން އއ.މާޅޮހުގެ މައްޗަށް ކުރިހޯދައިގެންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ މާޅަހުގެ މައްޗަށް އެޓީމުން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
ކުޑަހުވަދޫގެ ފަރާތުން މޮޅު ކުޅެމެއް މެޗުގައި ފެނިގެންދިޔަ ނަމަވެސް އެޓިމަށް ފުރަތަމަ ހާފުގައި ކާމިޔާބުކުރެވޭވަރުވީ އެންމެ ލަނޑެކެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ޝަހީމެވެ. މާޅޮހަށް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުނީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމުގެ އަލީ ނާއިޒުއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ފުރުސަތުގެ ބޭނުން ހިފައި ކުޑަހުވަދޫއިން ވަނީ ދެވަނަ ހާފުގައި އިތުރު ކަނޑުތަކެއް ކާމިޔާބުކޮށްފައެވެ. 57 ވަނަ މިނެޓުގައި އެޓިމަށް ލީޑު ފުޅާކޮށްދިނީ ކްރިސްޓިއަން އޫޒީ ޓޯސޫ އެވެ. 67 ވަނަ މިނެޓުގައި 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު އިސްމާއީލެވެ. އޭގެ މިނެޓެއްފަހުން މާޅަހުން ވަނީ ސުން ކަނޑުވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް މާޖިދެވެ. ނަމަވެސް ކުޑަހުވަދޫއިން ވަނީ 78 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ދަމަހައްޓާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަފޮންޖާ ޖިލްބޯލާއެވެ.
ކުޑަހުވަދޫ އާއި ތިނަދޫ ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.