ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 09:29
މެޑަލް ހޯދި ޓީޓީ ޓީމްގެ ބައެއް ކުޅުންތެރިން: ފޮޓޯ- އެމްއޯސީ/ އިސްމާއީލް ތޯރިގު
މެޑަލް ހޯދި ޓީޓީ ޓީމްގެ ބައެއް ކުޅުންތެރިން: ފޮޓޯ- އެމްއޯސީ/ އިސްމާއީލް ތޯރިގު
އެމްއޯސީ
އައިއޯއައިޖީ
ޓީޓީން ކާމިޔާބު ދެގުނަކޮށް، ދެއްކީ ބޮޑު ތަފާތެއް!
2019 ވަނަ އަހަރު ޓީޓީ ޓީމުން ހޯދީ 5 މެޑަލް
މިފަހަރު ޓީޓީ ޓީމުން 9 މެޑަލް ހޯދި

މިފަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ މެޑަލް ސީރީޒް ފަށައިދިނީ ޓޭބަލް ޓެނިސް (ޓީޓީ)ންނެވެ. އަދި ރަން މެޑަލްގެ ސިލްސިލާގެ ފެށުމަކީވެސް ޓީޓީ އަންހެން ޓީމް ދިފާއުކުރި ރަން މެޑަލެވެ. ގޭމްސްގެ އެންމެ ފަހު ދުވަހާ ޖެހުނުއިރު އެންމެ ކާމިޔާބު ކުޅިވަރަކީވެސް ޓީޓީއެވެ. އެންމެ ގިނަ ރަން މެޑަލް ރާއްޖެއަށް ހޯދައިދިން ކުޅިވަރަކީވެސް ޓީޓީއެވެ.

2019 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީން ފަސް މެޑަލް ހޯދައިދިނެވެ. އެކަމަކު މިފަހަރުގެ ގޭމްސް ޓީޓީ ޓީމުން ނިންމާލީ އެއަދަދު ގާތްގަނޑަކަށް ދެގުނަކޮށްގެންނެވެ. މިފަހަރުގެ ޖުމްލައަކީ 9ވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ 2019 ވަނަ އަހަރު ހޯދި ފަސް މެޑަލްވެސް ދިފާއުކޮށް އިތުރު ހަތަރު މެޑަލް ހޯދުމެވެ.

އަންހެން ޑަބަލްސް ޗެމްޕިއަން ދީމާއާއި ރަފާ: ފޮޓޯ - ސުއާދު އަބްދުއް ސައްތާރު/އެމްއޯސީ - އެމްއޯސީ

2019 ވަނަ އަހަރު ޓީޓީ ޓީމުން ހޯދި މެޑަލް ތަކުގެ ތެރޭގައި އަންހެން ޓީމުން ހޯދި ޓީމް އިވެންޓްގެ ރަން މެޑަލާއި, ޑަބަލްސްގައި ދީމާއާއި ރަފާ ހޯދި ރަން މެޑަލާއި, ސިންގަލްސް އޯޕަންސްގައި ދީމާ ހޯދި ރަން މެޑަލާއި, ރަފާ ހޯދި ރަން މެޑަލް ހިމެނެއެވެ. އެ މެޑަލްތައް ދިފާއުކުރުމުގެ އިތުރުން ޓީޓީ ޓީމުން ވަނީ މިކްސް ޑަބަލްސްގައި ވެސް ރަން މެޑަލް ހޯދާފައެވެ. އެއީ ރަފާއާއި މުންސިފް ހޯދައިދިން މެޑަލެވެ. މުޅިން އަލަށް ޓީޓީ ޓީމުން ހޯދި މެޑަލްތައް ފިރިހެން ޓީމުން ހޯދައިދިނުމަކީ އެންމެ ބޮޑު ކާމިޔާބީއެވެ. ފިރިހެން ކުޅުންތެރިން މެޑަލް ހޯދާނީ ކޮންއިރަކުންތޯ ތާއަބަދު ކުރާ ސުވާލު ތަކުރާރުވަމުން ދިއުމަކީވެސް ޓީޓީ އެސޯސިއޭޝަނާއި, ޚާއްސަކޮށް ފިރިހެން ކުޅުންތެރިންނަށް އޮތް ބޮޑު ޕްރެޝަރެކެވެ. އެކަމަކު އެކަންވެސް މިގޭމްސްގައި ހަގީގަތަކަށް ހަދައިފިއެވެ. ހަގީގަތަކަށް ހެދީ ރަން މެޑަލާ ދާދި ގާތަށް ދަތުރުކޮށްގެންނެވެ.

މުންސިފްއާއި ޝައްފާން ރިހި މެޑަލް ހޯދި: ފޮޓޯ - ސުއާދު އަބްދުއް ސައްތާރު/އެމްއޯސީ - އެމްއޯސީ

ފިރިހެން ޓީޓީ ޓީމް ރިހި މެޑަލް ހޯދިއެވެ. އެއީ ފައިނަލްގައި މަޑަގަސްކަރައާ ވަރަށް ވާދަވެރި ކުޅުމަށްފަހުއެވެ. މެޗުން ބަލިވީ 3-2ންނެވެ. ސިންގަލްސް އޯޕަންސްގައި ޝައްފާން ރިހި މެޑަލް ހޯދީވެސް މަޑަގަސްކަރާގެ އެއްވަނަ ކުޅުންތެރިޔާއާ ވަރަށް ބޮޑު ވާދައެއްކޮށް, އެ ކުޅުންތެރިޔާ ޕްރެޝަރަށްވެސް ދުއްވާލުމަށްފަހުއެވެ. ޝައްފާން ވަނީ ދީމާއާއެކު މިކްސް ޑަބަލްސްގެ ލޯ މެޑަލްވެސް ހޯދާފައެވެ. މީގެއިތުރުން ފިރިހެން ޑަބަލްސްގެ ރިހި މެޑަލްވެސް ރާއްޖޭގެ ޕެއަރ ހޯދިއެވެ. މިއީ އައިއޯއައިޖީގެ ތާރީޚުގައި އެއް ކުޅިވަރެއްގައި ރާއްޖޭގެ އެންމެބޮޑު ކާމިޔާބީއެވެ. ޚާއްސަކޮށް އަންހެން އަދި ފިރިހެން ޓީމް އެކުވެގެން މިކާމިޔާބީ ހޯދުމުން ކާމިޔާބީގެ އަގު ބޮޑެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ، ޓީޓީ ކުޅުންތެރިން ގޭމްސްއަށް ތައްޔާރުވީ ވަރަށްބޮޑު ޕްރެޝަރަކާއެކު ކަމަށެވެ. އެއީ މެޑަލް ދިފާއުކުރުމުގެ ޕްރެޝަރެވެ. އެކަމަކު އެކަން ޕްރިޒިޓިވް ކަމެއްގެ ގޮތުގައި ކުޅުންތެރިންނަށް ވިސްނައި ދީގެން ކާމިޔާބީ ހޯދީ ފަސޭހަކަމެއް ނޫންކަން ގަބޫލުވެސް ކޮށްގެންކަމަސް ޝިއުރީ ވިދާޅުވިއެވެ.

މިފަހަރު މިއޮތީ ޑިފެންޑްކޮށްފަ. އަދި އޭގެ އިތުރަށްވެސް މެޑަލްތަކެއް ހޯދާފަ. މިދިޔަ ފަހަރު ހޯދީ ފަސް މެޑަލް, އެފަސް މެޑަލްވެސް މިފަހަރު ޑިފެންޑް ކުރެވުނު. ކޮށްފަ އޭގެ އިތުރަށް ހަތަރު މެޑަލް މިހާރު އިތުރުވީ މިދިޔަ ފަހަރުގެ ސީރީޒްއަށް. އެހެންވީމަ މީ ހަމަ ވަރަށްބޮޑު ކާމިޔާބީއެއް މުޅި ޓީޓީ ފެމިލީއަށްވެސް, މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބުނު ހަމަ ފަޚުރުވެރި ކާމިޔާބީއެއް ގޮތުގަ ހަމަ ބުނެވޭނީ.
އިބްރާހީމް ޝިއުރީ/ ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް

ގޭމްސްގެ އެންމެ ފަހު ދުވަހާ ހަމައަށް އައިއިރު ރަން މެޑަލް ހޯދި ހަމައެކަނި ކުޅިވަރަކީވެސް ޓީޓީއެވެ. އެކަމަކު އެފުރުސަތު ބެޑްމިންޓަނަށް އެބައޮތެވެ. ޓީޓީ ކުޅުންތެރިން ގޭމްސްއަށް ތައްޔާރުވީ ކްރޮއޭޝިޔާއާއި އިންޑިޔާގައި ދިގު މުއްދަތެއްގެ ތަމްރީނުތައް ހޯދައިގެންނެވެ. އަދި ދީމާ ވަނީ ފްރާންސްގައިވެސް ތަމްރީނު ހޯދާފައެވެ. ރާއްޖެއަށް ޗައިނާއާއި, އިންޑިޔާ އަދި ކްރޮއޭޝިޔާ ކުޅުންތެރިން ގެނެސް، އެކުޅުންތެރިންނާ ދެކޮޅަށް ކުޅެވެސް ތަޖުރިބާއާއި ކުރިއެރުން ހޯދިއެވެ. ޓީމް ތައްޔާރުވެ މުބާރާތުގައި ވާދަކުރީ ކްރޮއޭޝިޔާ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި ބޭރުގެ ތަޖުރިބާކާރު ކޯޗެއް މަސައްކަތްކުރިއެވެ.

މެޑަލް ހޯދި ޓޭބަލް ޓެނިސްޓީމާއެކު މިނިސްޓަރާއި އެމްއޯސީގެ އިސް ބޭފުޅުން: ފޮޓޯ-އެމްއޯސީ/ ރާއިފް - އެމްއޯސީ

ޓީޓީ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ނެރެފިއެވެ. މިގޭމްސްގެ ރާއްޖޭގެ އެއްވަނައަކީ ޓީޓީއެވެ. ރާއްޖޭގެ އެންމެ ބޮޑު ފަޚުރަކީ މިފަހަރު ޓީޓީ ކުޅުންތެރިންނެވެ. އަންހެން ޓީމާ އެއްހަމައަކަށް ފިރިހެން ޓީމް އައުމަށް ކުރާ މަސައްކަތުގައި ފިރިހެން ޓީމުން ނަތީޖާވެސް ނެރެފިއެވެ. ޓީޓީ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީއަށްޓަކައި މަރުހަބާއެވެ.

- ކޮމެންޓް