އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުން ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދިއިރު، އައިޝަތު ރަފާ ނާޒިމް އާއި މުހައްމަދު ޝައްފާން އިސްމާއިލް ރިހި މެޑަލް ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ވާދަކޮށްފައިވަނީ ރާއްޖޭގެ ދެ ކުޅުންތެރިން ކަމުގައިވާ ދީމާ އާއި ރަފާ އެވެ. 2019 ވަނަ އަހަރުގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މި ދެ ކުޅުންތެރިންނެވެ. އެ މުބާރާތުގައި ދީމާ ރަން މެޑަލް ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުން ރަފާ ބަލިކުރުމަށްފަހުއެވެ.
މިއަހަރުގެ މުބާރާތުގައި ދީމާ ރަން މެޑަލް ހޯދާފައިވަނީ 4-2 ގެ ނަތީޖާއަކުން ރަފާ ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ސެޓު 11-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަފާ އެވެ. ފޯރިގަދަ ދެވަނަ ސެޓު 14-12 އިން ކާމިޔާބުކޮށްފައިވަނީ ދީމާއެވެ. ދީމާ ވަނީ ޖެހިގެން އައި ދެ ސެޓުވެސް 11-9 އަދި 11-7 ން ކާމިޔާބުކޮށްފައެވެ.
މެޗުގެ ފަސްވަނަ ސެޓު ކާމިޔާބުކޮށްގެން މޮޅުވުމުގެ ފުރުސަތު ދީމާ އަށް ލިބުނެވެ. ނަމަވެސް، 11-8 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކުރީ ރަފާ އެވެ. މެޗުގެ ހަވަނަ ސެޓު 11-8 ން ކާމިޔާބުކޮށް، ދީމާ ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ.
ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ ނަޓީވެލް ޖޮނަތަން އާއެވެ. ރާއްޖޭގެ މުންސިފް ސެމީ ފައިނަލުން ބަލިވެފައިވަނީވެސް ނަޓީވެލް ކައިރިންނެވެ. އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ނަޓީވެލް މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ތިން ސެޓުވެސް ކާމިޔާބުކުރީ މަޑަގަސްކަރަ ކުޅުންތެރިޔާ އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 11-6، 11-8 އަދި 11-5 ގެ ނަތީޖާއަކުންނެވެ. ޝައްފާން ވަނީ ވަރަށް ހިތްވަރާއެކު ޖެހިގެން އައި ދެ ސެޓު 13-11 އަދި 11-9 ން ކާމިޔާބުކޮށްފައެވެ. ނަޓީވެލް ވަނީ މެޗުގެ ހަވަނަ ސެޓު 11-6 ން ކާމިޔާބުކޮށް، ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދާފައެވެ. މެޗުން ބަލިވިނަމަވެސް، ޝައްފާން ވަނީ މޮޅު ޑިފެންސްތަކެއްކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ.
މިއާއެކު މިއަހަރުގެ މުބާރާތުގެ ޓޭބަލް ޓެނިސް ހުރިހާ އިވެންޓެއް ވަނީ ނިމިފައެވެ. ރާއްޖެއިން މިފަހަރުވެސް އެންމެ ކާމިޔާބު ޓީމަކީ ޓީޓީ ޓީމެވެ. ޓީމް އިވެންޓުގައި އަންހެން ޓީމުން ރަން މެޑަލް ހޯދާފައިވާއިރު، ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދާފައެވެ. މިކްސް ޑަބަލްސް އިން ރަފާ އާއި މުންސިފް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ދީމާ އާއި ޝައްފާން ވަނީ ލޯ މެޑަލް ހޯދާފައެވެ. މީގެއިތުރުން، އަންހެން ޑަބަލްސް އިން ރަފާ އާއި ދީމާ ރަން މެޑަލް ހޯދާފައިވާއިރު، ޝައްފާން އާއި މުންސިފް ވަނީ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް ހޯދާފައެވެ.