އަރބަންކޯއިން ޔޫތު މިނިސްޓްރީ އާއެކު ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެރީނާ ތަރައްޤީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް 2 ގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ޚާއްސަކުރެވިގެންދާނެއެވެ.
މި އެއްބަސްވުމުގައި އަރބަންކޯގެ ފަރަތުން ސޮއިކޮށްފައިވަނީ މެނެޖިންގ ޑިރެކްޓަރު އަހްމަދު އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދު އެވެ. ހަމަ މިއާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާފައި ވާހަކަފުޅުދައްކަވަމުން އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރު ވަނީ މިހާރު ހުޅުމާލޭގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަރނޭޝަނަލް ސްޓޭންޑަރޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވެފައެވެ.
އަދި މިއާއިއެކު ރޭސިންގް އެސޯސިއޭޝަންގެ ރައީސް ވަނީ މިތަނުގެ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯރ ސްޕޮރޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ވިދާޅުވެފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯރޓްސް އަށް ތަރައްޤީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަައިދިނުމެވެ.