Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 05:21
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުން ނިމުން ފާހަގަކުރުން
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުން ނިމުން ފާހަގަކުރުން
ރައީސް އޮފީސް
ރައީސް ޅ އަތޮޅަށް
ޅ އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
އޮޅުވެލިފުއްޓަށް ވަޑައިގެން އިންޖީނުގެ ހުޅުއްވައިދެއްވާ، ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައި
ހިންނަވަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޅ އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެރަށްރަށުގައި މިސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެގޮތުން ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގައި ސަރުކާރުން އިމާރާތްކުރި އިންޖީނުގެ ވަނީ ހުޅުއްވައިދެއްވާފައެވެ. ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ.

ޅ. ކުރެންދޫ އަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށަށް ވެލިއަޅައި 361 މީޓަރުގެ ބޭރުތޮށި ޖެހުމާއި 822 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަންތަނެވެ. އަދި އައު އިންޖީނުގެ އިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

މީގެއިތުރުން ހިންނަވަރުގައި ސަރުކާރުން ހިންގާފައިވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ވެސް ރައީސް ޞާލިޙު ވަނީ ފާހަގަކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ޅ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުރާސްފަތި ދުވަހުގެރެއެވެ. ހިންނަވަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި، 123.92 މީޓަރުގެ ބޭރުތޮށި ލުމާއި، 114 މީޓަރުގެ ގްރޮއިން ޖެހުމާއި، 653 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، ބަނދަރާގުޅޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް