Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 05:13
ރައީސް ޞާލިހު ޅ. ހިންނަވަރުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ޅ. ހިންނަވަރުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ހިންނަވަރުގެ ތަރައްޤީ
ރައީސްގެ އުފަން ރަށަށް ދެއްވީ އުއްމީދު: ވިދާޅުވީ ބާކީކޮށްނުލާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް
ބިން ހިއްކާ 200 ހައުސިންގ ޔުނިޓް ނުވަތަ ރޯ ހައުސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި
ސްކޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވި
ގާވެރި ފަރަކީ ހިންނަވަރުގެ އިހްތިސާސުގެ ތެރޭގައި ހިމަނާފައިވާ ރަށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައި

ޅ. ހިންނަވަރުގައި 200 ހައުސިން ޔުނިޓް ނުވަތަ ރޯ ހައުސް އެޅުމާއި، ތަރައްޤީގެ އިތުރު މަސައްކަތްތައް ކޮށްދެއްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި އެމަނިކުފާނުގެ އުފަން ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ހިންނަވަރު ކަހަލަ އާބާދީ ބޮޑު ރަށަކަށް އަދިވެސް ބޭނުންވާ ވަރަށްބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެހެންވެފައިވަނީ އަޅާނުލާ ތިރީސް ސާޅީސް އަހަރު ރަށް ދޫކޮށްލާފައި އޮތުމުން ކަމަށެވެ. ރައީސް ވިދާޅުވީ އަދިވެސް އެންމެ ބޮޑީ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށާއި ދިރިއުޅެން ބޭނުންވާކަމުގައިވާނަމަ، ބޯހިޔާވަހިކަން މިއަށްވުރެ ރަނގަޅަށް ހޯދައިދޭންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ހިންނަވަރުގެ ބިން އިތުރަށް ހިއްކާ، ހައުސިންގ ޔުނިޓް ނުވަތަ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި މަދުވެގެން 200 ރޯހައުސް ނުވަތަ ފުލެޓް އަޅުއްވައިދެއްވާާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހިންނަވަރުގައި އަލަށް ހިއްކާފައި އޮތް ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލަސްތަކެއްނުވެ ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިންނަވަރު ސްކޫލަކީ އާބާދީ ބޮޑު ސްކޫލެއް ކަމަށާއި، އެއް އިރެއްގައި 1000ށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދިޔަ ސްކޫލެއް ކަމަށެވެ. އެއިރުގެ އިމާރާތްތައް އަދިވެސް އެބަހުރި ކަމަށާއި، ކުރިއަށް އޮތްތަނުގައި ސްކޫލަށް ބޭނުންވާ އައު އިމާރާތްތަކާއި ކްލާސްރޫމްތަކާއި އެޑްމިން ބްލޮކް އަޅުއްވައިދެއްވާ، ހިންނަވަރު ސްކޫލަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހިންނަވަރުގައި އަޅާ ހޮސްޕިޓަލް ވަނީ ކޮންޓްރެކްޓުކުރެވިފައި ކަމަށާއި ލަސްތަކެއް ނުވެ މަސައްކަތް ފެށިގެންދާނެކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ މޫދަށް އެރޭނެ ތަނެއް ހޯދުން ކަމަށާއި، ރައްޔިތުން އެދެމުން ދިޔައީ ގާވެރި ފަރު އިހްތިސާސުގެ ތެރޭގައި ހިމެނުން ކަމުން، މި މަހުގެ 30 ވަނަ ދުވަހު ގަރާރުގައި ސޮއިކޮށް ގާވެރި ފަރަކީ ހިންނަވަރުގެ އިހްތިސާސުގެ ތެރޭގައި ހިމަނުއްވާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ހިންނަވަރުގައި ހުޅުވިގެން ދިޔަ ޕޯޓަކީ އެހެން ރަށެއްގައި ނުހުޅުވާފަދަ ތަނެއްކަން ފާހަގަކުރައްވާ ވިދާޅުވީ، އެތަން އިތުރަށް ތަރައްޤީކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެތަން އޮތީ ސީދާ ބޭރުން ބޯޓުފަހަރު އައިސް ބަނދަރަށް ކައިރިކޮށް މުދާ ބޭލޭވަރުގެ ކީ ވޯލްއަކާއެކު ކަމަށް ވާތީ، އަމާޒަކީ ރާއްޖެއިން ބޭރުން ބޯޓުފަހަރު އައިސް މުދާ އަރުވާބޭލޭ ގޮތަށް ކޮމާޝަލް ޕޯޓަކަށް ބަދަލުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ރައީސް ވިދާޅުވީ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް އަންނަ ދައުރުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.

ރައީސް ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ހިންނަވަރު ރައްޔިތުންނަށް ވިދާޅުވާނީ، 2018ގެ ކުރިއާއި 2018ގެ ފަހުން ކަންތައް ވަމުން ދިޔަ ގޮތާމެދު ވިސްނުމަށްފަހު ވޯޓުގައި ގޮތެއް ނިންމުމަށް ކަމަށެވެ. އެގޮތުން ހިންނަވަރާއި ނައިފަރުގެ އިތުރުން ފާދިއްޕޮޅާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ރަނގަޅުވާނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުން ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް