ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަމަޖައްސައިފިއެވެ.
އެކަމާއި ގުޅިގެން އީސީން ބުނީ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށްކަމަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެއެވެ.
އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު އިންތިޚާބާއި ގުޅިގެން ހިންގާ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަމުގެ މައްސަލަތައް ހުށަހެޅުމުގެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.