ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ބުދަ ދުވަހު ކުރިއަށްދިޔައީ ދައުލަތުން އިސްތިއުނާފަށް ރައްދު ދިނުމުގެ ބައި ކުރިއަށް ގެންދިއުމެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، 22 މާޗުގައި ދިފާއީ ހެކި ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، 21 މާޗުގައި ދިފާއީ ހެކި ހުށަހަޅާފައި ވާކަމަށެވެ. ވީއިރު، މި މައްސަލާގައި މުއްދަތާ ގުޅޭގޮތުން ކޯޓުން ޚަސްމުންނަށް އޮޅޭގޮތަށް ކަމެއް ކޮށްފައި ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އަދި ދައުލަތާއި ދިފާއުންވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުން މުއްދަތުގެ ތެރޭގައި ހުށަހެޅިފައިނުވަނީ ފަނޑިޔާރުގެ އިރުޝާދުތަކަށް އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ނުދެވުމުންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ޝަރީއަތުގެ ކުރީގެ މުއްދަތު ގުނާނެ ގޮތާ ގުޅޭގޮތުން ފަނޑިޔާރު އޭގެ ކުރިން އަޑުއެހުމެއްގައި އިރުޝާދު ދެއްވާފައި ވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމެވި ނިންމެވުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރު ނިންމަވާފައިވާ ނިންމެވުމެއްކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، ޔާމީނުގެ ޑޮލަރު އެކައުންޓެއް އޮއްވައި، އެޗްއެސްބީސީގެ އެކައުންޓަކަށް 1 ޑޮލަރު ޖަމާކޮށް، އެ އެކައުންޓު ރީއެކްޓިވޭޓް ކުރުމަށްފަހު އެއަށް 1 މިލިއަން ޑޮލަރު ޖަމާކުރައްވާފައި ވާކަމަށެވެ.
އެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާވުމުގެ ކުރިން އެންމެ ފަހުންވެސް އެކައުންޓުގެ ބޭނުމެއް ކުރައްވާފައިވަނީ 2013 ވަނަ އަހަރު ކަމަށާއި، އެއީވެސް އޮޓޮމެޓިކް ބެލެންސް ޓްރާންސެކްޝަނެއްކަން ދައުލަތުން ފާހަގަކުރިއެވެ.
އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ ގޮތުން ޔޫސުފް ނައީމް އަތުން ބައްލަވައިގަތް ފައިސާކަމަށް ވިދާޅުވާއިރު، 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާކަން އެނގޭނެ މާލީ އެއްވެސް ހެތްކެއް ފެންނަން ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެއީ މާލީ ބަޔާންތަކާއި އެނޫންވެސް ރެކޯޑުތަކުން ފެންނަންހުރި ފައިސާތަކެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އާރަށް ބަދަލުކުރެއްވި ތާރީޚުކަމަށް ޔާމީނުގެ ފަރާތްޕުޅު ބުނެފައިވާ ތާރީޚަކީ ރައީސް އަބްދުﷲ ޔާމީނު އީވައިސީގެ ނިންމުން އެންޑޯސް ކުރެއްވި ދުވަސްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ވުމާއެކު، އާރަށް ދޫކުރުމުގެ ކަންކަން ތަންފީޒުވެގެން ދިޔައީ ޔާމީނު އީވައިސީގެ ނިންމުން އެންޑޯސް ކުރެއްވުމުންކަން ސާފުވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، ޔާމީނުގެ އެކައުންޓަށް ވަތް ފައިސާއާ ގުޅޭގޮތުން އެކި މަހައްލުތަކުގައި އެކި ގޮތްގޮތަށް ޔާމީނު ވާހަކަދައްކަވާފައި ވާކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހަަސަން ޝަފީއުއެވެ.
މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ނަމަވެސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.
އާރަށު ޚިޔާނާތުގެ މައްސަލާގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.