ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވައިފިއެވެ.
އެގޮތުން ލ. މާބައިދުއަށް ވަޑައިގެން އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ. މާބައިދޫ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަތަނަވަސްކޮށް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މާބައިދޫގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓެވެ.
މީގެއިތުރުން ހިތަދޫ އަށް ވަޑައިގެން ހިތަދޫ ފެނަކަ އޮފީސް ޢިމާރާތާއި ފުޓުސަލް ދަނޑު ވަނީ ހުޅުއްވައިދެއްވައިފައެވެ. ލ. ހިތަދޫ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ލ. ހިތަދޫ ފުޓްސަލް ދަނޑަކީވެސް، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑެކެވެ. މި ދަނޑުގެ މަސައްކަތްކޮށްފައި ވަނީ، މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެންނެވެ.
ލ. މާމެންދުއަށް ވަޑައިގެން އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ފުޓްބޯޅަ ދަނޑު ވަނީ ރައީސް ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނިމުން ފާހަގަކޮށްދެއްވި މާމެންދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މާމެންދޫ އައު އިންޖީނުގެއާއި އަދި ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މާމެންދޫގެ ކުރީގެ އިންޖީނުގެއިން ކަރަންޓްދެވޭ ކެޕޭސިޓީއަކީ 820 ކިލޯވޮޓް އެވެ. ނަމަވެސް އައު އިންޖީނުގެއާއެކު މިހާރު މި ކެޕޭސިޓީ ވަނީ 1060 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މާމެންދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އިތުރުކުރި އިމާރާތުގައި އޮފީސް، ޕަބްލިކް ހެލްތު، ހެލްތު އެޑިއުކޭޝަން ރޫމް އަދި ސްޓޯރ ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގައި ލެބޯޓްރީ ހެދުމަށްޓަކައި ޞިއްޙީ މަރުކަޒަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންވެސް ހިމެނިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މާމެންދޫ ފުޓްބޯޅަ ދަނޑަކީ ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ފޮނަދޫ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.