މާލޭ ލީގުގައި މި ސީޒަނުގައި ކުޅޭ އެންމެ ވަރުގަދަ އެއް މެޗަކަށް ވެގެންދާނީ ޓީސީ ސްޕޯޓްސް ކްލަބް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަދަ ހަތަރެއްގެ ފުރުސަތު ހޯދުން ބޮޑެވެ.
މެޗަށް ނިކުންނަ ޓީސީ އަށް ގަދަ ހަތަރެއްގެ ފުރުސަތު ލިބޭނީ ވިކްޓްރީ މެޗުން މޮޅުވެ، ގްރީން ސްޓްރީޓް އަދި އީގަލްސް ބައްދަލުކުރާ މެޗުން ގްރީން ސްޓްރީޓް މޮޅުވެއްޖެ ނަމައެވެ.
އެއާ ހިލާފަށް ޓީސީ އަތުން މޮޅުވެގެން އެޓީމު ކަޓުވާލުމަށްފަހު ގަދަ ހަތަރެއްގެ ޖާގައެއް ވިކްޓްރީން ކަށަވަރުކޮށް، ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރާނެ އެވެ.
ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނައިރު، އަމިއްލަ ބާރު އޮތުމަކީ ފައިދާއެއްކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.
މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ވިކްޓްރީ ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެޒެއިން ބުނީ މެޗަށް ނިކުންނައިރު ޓީސީ އަށް އަމިއްލަ ބާރު ނެތި ވިކްޓްރީ އަށް އަމިއްލަ ބާރު އޮތުމަކީ ފައިދާ އެއް ކަމަށެވެ.
ސުޒެއިން ބުނީ މެޗަށް ނިކުންނައިރު، އީގަލްސް އަދި ގްރީން ސްޓްރީޓް ވާދަކުރާ މެޗުން ވާނެގޮތަކަށް ޓީސީ އިންތިޒާރުކުރަންޖެހޭނެ ކަމަށެވެ. އެގޮތުން ވިކްޓްރީ ނިކުންނާނީ ހަމައެކަނި މެޗުން މޮޅުވާން ކަމަށާއި، އިތުރު ކަމަކާމެދު ވިސްނަން ނުޖެހޭނެ ކަމަށެވެ.
އޭނާ ބުނީ ޓީސީ އަކީ ރަނގަޅު ޓީމެއް ކަމަށާއި، އެޓީމާ ދެކޮޅަށް ނިކުންނައިރު ބޮޑެތި މެޗުތަކުގެ ތަޖުރިބާ މީގެކުރިން ލިބިފައިވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. މީގެއިތުރުން މެޗު ވަރަށް ފޯރިގަދަވާނެކަމަށްވެސް ސުޒެއިން ވަނީ ބުނެފައެވެ.
މެޗާ ބެހޭގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީން ވަކި ބަޔަކު ކުޅެނީ ކިހިނެއްތޯ ހަދާނީ ކިހިނެއްތޯ ނުބަލާނެ ކަމަށާއި، މެޗަށް ނިކުންނާނީ ތިން ޕޮއިންޓް ހޯދާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް ކަމަށެވެ.
ޓީސީ އަށް ޕްރެޝަރެއް ނެތްކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ ވޭތުވެދިޔަ ތަނުގައި އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ހުރިހާ ބޮޑެތި މުބާރާތްތަކެއްގެ ފައިނަލްގައި ޓީސީ ވަނީ ވާދަކޮށްފައި ކަމަށާއި، ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ވާދަކޮށް ތަށިވެސް ހޯދާފައިވާ ކަމަށެވެ.
ވިކްޓްރީ އަދި ޓީސީ ލީގުގެ ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު ވަނީ އެއްވަރުވެފައެވެ.