ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 07:36
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލް އިއްތިފާގު ބަލިކޮށް، އަލް ހިލާލް ދެ ވަނަ އަށް
ހޯމަ ދުވަހު ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 2-0 އިން

ސައުދީ ޕްރޯ ލީގުގައި އަލް އިިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލް ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޯމަ ދުވަހު ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. މި މެޗުގައި ވަނީ ދާދި ފަހުން އެ ޓީމަށް ގެނައި ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ނަމަވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ނޭމާ ޖޫނިއާ، މި މެޗުގައި ވެސް ފެނިފައެއް ނުވެ އެވެ. އަލް ހިލާލަށް ބަދަލުވި ނަމަވެސް، އަނިޔާގެ ސަބަބުން ނޭމާ އަށް އަދި ކުޅެވޭ ގޮތެއް ނުވެ އެވެ.

މެޗުގައި އަލް ހިލާލަށް ލީޑު ނަގައިދިނީ 24 ވަނަ މިނެޓުގައި މަލްކޮމް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ހިލާލުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސަލީމް އަލް ދައުސަރީ އެވެ. މި ސީޒަނުގައި ވެސް އޭނާ އަންނަނީ އަލް ހިލާލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިއީ އަލް ހިލާލުން މި ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު ވަނަ މެޗެވެ. ހަތަރު މެޗުގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ. ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު އަލް ހިލާލް އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އަލް އިއްތިހާދާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް