ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 22:34
މިކްސް ޑަބަލްސް އިން މެޑަލް ހޯދި އެތުލީޓުން
މިކްސް ޑަބަލްސް އިން މެޑަލް ހޯދި އެތުލީޓުން
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރަން މެޑަލް ހޯދާފައިވަނީ ރަފާއާއި މުންސިފްގެ ޕެއާ

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ރަން މެޑަލް ހޯދައިފިއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކުރިއަށްދިޔަ އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ. ނަމަވެސް، އެއާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ މިކްސް ޑަބަލްސްގެ ރަން މެޑަލާއި ލޯ މެޑަލް ހޯދާފައެވެ. ރަން މެޑަލް ހޯދާފައިވަނީ އާއިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދުގެ ޕެއާއެވެ. ލޯ މެޑަލް ހޯދާފައިވަނީ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއީލްގެ ޕެއާއެވެ.

ސެމީ ފައިނަލް މެޗުގައި ވާދަކުރަން ޖެހުނީ ރާއްޖޭގެ ދެ ޕެއާއެވެ. މިގޮތަށް ދިމާނުވިނަމަ، ރާއްޖެއަށް ރަން މެޑަލާއި ރިހި މެޑަލްވެސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. ރަފާއާއި މުންސިފްގެ ޕެއާ ފައިނަލުން ޖާގަ ހޯދީ 3-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު 12-10ން ރަފާއާއި މުންސިފްގެ ޕެއާ ކާމިޔާބުކުރިއިރު، ޖެހިގެން އައި ދެ ސެޓު 12-10އަދި 11-4ން ކާމިޔާބުކުރީ ދީމާއާއި ޝައްފާންގެ ޕެއާއެވެ. ފަހު ދެ ސެޓު ރަފާއާއި މުންސިފް ކާމިޔާބުކުރީ 11-6 އަދި 11-1ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގައި ރަފާއާއި މުންސިފް ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ ޕެއާއަކާއެވެ. ފުރަތަމަ ސެޓު 11-9ން ކާމިޔާބުކުރީ މަޑަގަސްކަރައިގެ ޕެއާއެވެ. ފުރަތަމަ ސެޓުން ބަލިވިނަމަވެސް، ރާއްޖޭގެ ޕެއާއިންވަނީ ހިތްވަރުކޮށް، ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް ރަން މެޑަލް ހޯދާފައެވެ. ރަފާއާއި މުންސިފް ސެޓުތައް ކާމިޔާބުކުރީ 11-8، 11-7 އަދި 11-5ންނެވެ.

ތިންވަނަ ހޮވާ މެޗުގައި ދީމާއާއި ޝައްފާންގެ ޕެއާވެސް ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ ޕެއާއަކާއެވެ. ރާއްޖޭގެ ޕެއާއިންވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް، ލޯ މެޑަލް ހޯދާފައެވެ. ސެޓުތައް ކާމިޔާބުކުރީ 11-5، 11-8 އަދި 11-7ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީޓީ ޓީމުން ވަނީ މި މުބާރާތުގައި މިހާތަނަށް ތަފާތު ދައްކާފައެވެ. އެގޮތުން، އަންހެން ޓީމުން ރަން މެޑަލް ދިފާއުކޮށްފައިވާއިރު، ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދާފައެވެ.

- ކޮމެންޓް