ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 18:27
ލަންޑަނުގެ ބެން
ލަންޑަނުގެ ބެން
ރޮއިޓާސް
ލަންޑަންގެ ބެން
ލަންޑަންގެ ޗުވިންގަމް ކުރެހުންތެރިޔާ، ބެން - ފޫހިކަމެއް ނެތި ކުރެހުމުގައި
ޗުވިންގަމް ކިރުގަނޑު މަތީގައި ކުލަތައް ފަތުރާލައިގެން ޗާލު ކުރެހުންތައް ކުރެހުމަކިީ ބެންގެ ކިބައިގައި ހުރި އާދަޔާ ޚިލާފު ހުނަރެއް
އޭނާއަށް 60 އަހަރު، އަދިވެސް ކުރެހުމުގައި
ބެން ވަރަށް ކުޑައިރު ކުރަހަން ފަަށައިފި

ލަަންޑަންގެ އައިކޮނިކް މިލޭނިއަމް ބްރިޖް ކައިރީގައި އިށީނދެލައިގެން މި މީހާ އިންނަތަން ވަރަށް ގިނައިން ފެންނާނެއެވެ. އޭނާއަކީ މި ސަރަހައްދުގައި ފަންނީ އެތައް ހުނަރުތައް ދައްކާލުމުގައި ރެއާއި ދުވާ ހޭދަކުރާ ފަންނާނުންގެ ތެރެއިން ފަންނާނެކެވެ. ކުރެހުންތެރިޔާ ބެން ވިލްސަންއޭ ބުނުމުން އޭނާގެ ނަން މިތަނަށް އަންނަ މީހުންގެ ހަނދާނުގައި ހަރުލާފައި ނުހުރެދާނެއެވެ. އެކަމަކު ޗުވިންގަމުން ކުރަހާ މީހާއޭ ބުނެފިނަމަ އެންމެންނަށް ވެސް އެއީ ބެންކަން އެނގޭނެއެވެ.

ހިކި ޗުވިންގަމް ކިރުގަނޑު މަތީގައި ކުލަތައް ފަތުރާލައިގެން ޗާލު ކުރެހުންތައް ކުރެހުމަކިީ ބެންގެ ކިބައިގައި ހުރި އާދަޔާ ޚިލާފު ހުނަރެކެވެ. އުމުރުން 60 އަހަރުގެ ބެން ބުނާ ގޮތުން މި ކުރެހުމަށް ޚާއްސަ ސައިޒެއް އަދި ބައްޓަމެއް ނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކުރެހުންތަކުގެ ރީތިކަމާއި މުއްސަނދިކަމަކީ އެއީއެވެ. އެއްލާލާ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޗުވިންގަމް ކިރުގަނޑު ބެންއަށް ވަނީ ރީތި ކުރެހުމަކަށް އޭނާ ބޭނުންކުރާ ތަފާތު އަލާތަކަށެވެ. މިއީ އޭނާއަށް އޭނާގެ ފަންނުވެރިކަން ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީ މި ސަރަހައްދުން ހިނގާ މީހުންގެ ފައިދަށުގައިވާ ކުރެހުންތަކަށް ބަލާލަން މަޖުބޫރުކުރުވާ ފަދަ ރީތި ކުރެހުންތަކެވެ.

އެހާ ކުޑަކޮށް ކުރަހާފަ ހުންނަ ކުރެހުންތައް ވެސް އެބަ ހުރޭ ފައިދަށުގަ. ކުއްލިއަކަށް އެފަދަ ކުރެހުންތައް ފެނުމުން ވަނީ ވަރަށް އަޖައިބުކުރުވަނިވި ކަމަކަށް. މީ ފައިދަށުން ފޮރުވިފަވާ ދުނިޔެއެއް ފެނުން ކަހަލަ ކަމެއް. މި އެއްޗެހި މި ފެންނަނީ ވަށައިގެންވާ އެއްޗެހި ބަލާ ހޯދާ މީހުންނަށް. އެހެންވީމަ އެއީ މީގެ ވަރަށް ޚާއްސަ ސިފައެއް.
ބެން ވިލްސަން

ނޯތު ލަންޑަން ސްޓޫޑިއޯގައި ބެން ވަނީ މުށީގައިވެސް އޭނާގެ ކުރެހުންތެރިކަމުގެ ފަރުމާތައް ދައްކާލާފައެވެ. އަދި ލަންޑަނުގެ ބިމު އަޑީގައި ހުރި ޓްރެއިން ޕްލެޓްފޯމްތަކުގައި ވެސް ހާމައަށް ފެންނަން އޭނާގެ ރީތި ކުރެހުންތައް އެބަހުއްޓެވެ. މިއިން ކޮންމެ ކުރެހުމަކީ ވެސް އޭނާއަށް ވަރަށް ޒާތީ ކުރެހުމެކެވެ. އެހާ ޚާއްސަ ކުރެހުމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ހަމަލޮލަށް ސިފަކޮށްލެވޭ، ވިޝުއަލް ޑައިރީއެކެވެ.

މީން ކޮންމެ ކުރެހުމަކީ ދިރިއުޅުމުގެ ކޮންމެވެސް ކަމެއްގެ ރަމްޒެއް. މީ ދިރިއުޅުން ފާހަގަކުރަން އަހަންނަށް އެހީވެދޭ ކަމެއް. މީ އަހަންނަށް ކަމުދާ، ގަޔާވާ ކަންކަން ދައްކުވައިދޭ ކަމެއް. މީ އަހަރެންގެ ވިޝުއަލް ޑައިރީން ބައެއް. މީ މި ދުނިޔޭން އަހަންނަށް ދޭހަވާ ކަންކަން ދެނެގަންނަން އަހަރެން ކުރާ މަސައްކަތުގެ ބައެއް.
ބެން ވިލްސަން

ލަންޑަނަށް އުފަން ވިލްގެ މައިންބަފައިންނަކީވެސް ފަންނާނުންނެވެ. މުޅި އާއިލާއަކީ ފަންނުވެރި އާއިލާއަކަށް ވުމާއެކު، އުމުރުން އެންމެ 3 އަހަރުގައި ކްލޭ ބޭނުންކޮށްގެން ކުރެހުންތައް ކުރަހަން އޭނާ ވަނީ ފަށާފައެވެ. އުމުރުން 10 ނުވަތަ 11 އަހަރުގައި އޭނާ ފަންނުވެރިންގެ ޝޯތަކުގައި ބައިވެރިވާން ފެށިއެވެ.

އޭގެ ފަހުން ކުދިކުދި ކުރެހުންތައް ބިނާތަކަށް ބަދަލުވެ، ބޮޑެތި ކުރެހުންތަކުން ވެސް އޭނާގެ ހުނަރު ދައްކަން ފެށިއެވެ. ފަހުން އޭނާގެ ހުނަރުވެރިކަން ތަރައްގީވެގެން އައުމާއެކު ޗުވިންގަމް ފަދަ އުކާލާ ތަކެތިން ކުރެހުންތައް ކުރަހަން އޭނާ ވަނީ ފަށާފައެވެ. އޭނާ ވަނީ މިފަދަ ކުރެހުންތައް ކުރެހުމުގައި 19 އަހަރު ހޭދަކޮށްފައެވެ.

ހިތާމައަކީ އޭނާ އެހާ މަސައްކަތުން ކުރަހާ ކުރެހުންތައް އާއްމު ތަންތަނުގައި ބެހެއްޓުމުން އިދާރާތަކުން އެތަކެތި ނައްތާލާކަމެވެ. ނަމަވެސް މިލޭނިއަމް ބްރިޖް ސަރަހައްދުގައި އޭނާގެ ކަވި މަސައްކަތް ފެންނާނެ ކިތަންމެ އުފެއްދުމެއް އެބަހުއްޓެވެ. އެއީ އެ ސަރަހައްދު ފަޅުފިލުވައިދޭ ކުރެހުންތަކެވެ. އަދިވެސް އޭނާގެ މަސައްކަތް މަތިން ފޫއްސެއް ނުވެއެވެ. އަދިވެސް އޭނާ ގިނަ ވަގުތު ހޭދަކުރަނީ ކުރެހުމުގައެވެ.

- ކޮމެންޓް