ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 14:43
އައިއޯއައިޖީ 2023 - ޤައުމީ އަންހެން ބެޑްމިންޓަން ޓީމުން މަޔޯޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އައިއޯއައިޖީ 2023 - ޤައުމީ އަންހެން ބެޑްމިންޓަން ޓީމުން މަޔޯޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އައިއޯއައިޖީ 2023
އައިއޯއައިޖީ - ބެޑްމިންޓަން އަންހެން ޓީމަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް
 
އަންހެން ޓީމުން ސިލްވާ މެޑަލް ހޯދީ ހޯމަ ދުވަހު ކުޅުނު މެޗުގައި މަޔޯޓް 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެން

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް (އައިއޯއައިޖީ) ގެ އަންހެން ޓީމު އިވެންޓުން ޤައުމީ ބެޑްމިންޓަން ޓީމު ރިހި މެޑަލް ހޯދައިފި އެވެ.

އަންހެން ޓީމުން ރިހި މެޑަލް ހޯދީ ހޯމަ ދުވަހު ކުޅުނު މެޗުގައި މަޔޯޓް 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސް ގޭމުގައި ރާއްޖެ އިން ކުޅެން ނިކުތީ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގު (ނަބާ) އެވެ. މި ގޭމު ނަބާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-16 އަދި 22-6 އިންނެވެ. ދެ ވަނަ ސިންގަލްސް ގޭމުގައި ރާއްޖެ އިން ކުޅެން ނިކުތީ ފާތިމަތު ނަބީހާ އަބްދުއް ރައްޒާގު (ނަބީ) އެވެ. މި ގޭމު ނަބީ ވެސް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ގޭމުގެ ދެ ސެޓު ވެސް ނަބީ ކާމިޔާބު ކުރީ 21-4 އިންނެވެ.

ތިން ވަނަ އަށް ކުޅުނު ސިންގަލްސް ގޭމުގައި ރާއްޖެ އިން ކުޅެން ނިކުމެފައި ވަނީ އައިމިނަތު ޝަހުރުނާޒް މޫސާ އެވެ. ޝަހުރުނާޒް ވެސް ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބުކޮށްފަ އެވެ. އެއީ 21-8 އަދި 21-6 އިންނެވެ. ހަތަރު ވަނަ އަށް ކުޅުނު ޑަބަލްސް ގޭމުގައި ނަބީ އަދި ނަބާ ނިކުމެފައި ވަނީ މަޔޯޓްގެ އިންޖިލާ އަދި އުދުރޭގެ ޕެއާއާ ދެކޮޅަށެވެ. މި ގޭމު ނަބީ އަދި ނަބާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-6 އަދި 22-17 އިންނެވެ. ފަހު ޑަބަލްސް ގޭމުގައި ރާއްޖެ އިން ކުޅެން ނުކުމެފައި ވަނީ ޝަހުރުނާޒް އަދި ސުބާ އެވެ. މި ގޭމުގެ ދެ ސެޓު ރާއްޖެ އިން ކާމިޔާބު ކުރީ 21-10 އަދި 21-17 އިންނެވެ.

ލީގު އުސޫލުން ކުޅުނު އަންހެން އިވެންޓުން ރާއްޖެ އަށް ރަން މެޑަލް ގެއްލުނީ އާދިއްތަ ދުވަހު ކުޅުނު މެޗުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ. ވާދަވެރި ކުޅުމަކަށްފަހު އެ މެޗުން ރާއްޖެ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއީ ރާއްޖެ އިން އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ވަނީ އަންހެން ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އެއީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ކުރިއަށް ދިޔަ ގޭމްސް އާއި 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށް ދިޔަ ގޭމްސް އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް