މަޑަަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޓީމު އިވެންޓުގެ ފައިނަލުން ޤައުމީ ބެޑްމިންޓަން ފިރިހެން ޓީމު ޖާގަ ހޯދައިފި އެވެ.
ފިރިހެން ޓީމުން ފައިނަލްގެ ޖާގަ ހޯދީ ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ރީޔޫނިއަންގެ މައްޗަށް ސީދާ ތިން ގޭމުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖެ އިން ކުޅެން ނުކުތީ ޒަޔާން ޝަހީދު ޒަކީ އެވެ. ޒަޔާން ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބުކޮށްފަ އެވެ. އެއީ 21-15 އަދި 21-8 އިންނެވެ. ދެ ވަނަ ގޭމުގައި ރާއްޖެ އިން ކުޅެން ނުކުމެފައި ވަނީ އަޙުމަދު ނިބާލް އެވެ. މި ގޭމުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ރީޔޫނިއަންގެ ބާޓިލް އެވެ. އެއީ 21-18 އިންނެވެ. ނަމަވެސް ނިބާލް ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް، ގޭމު ކާމިޔާބުކޮށްފަ އެވެ. ނިބާލް ސެޓުތައް ހޯދީ 21-14 އަދި 21-10 އިންނެވެ. ފަހު ގޭމުގައި ރާއްޖެ އިން ކުޅެން ނުކުމެފައި ވަނީ މުޙައްމަދު އަޖުފާން ރަޝީދު އެވެ. އަޖުފާން ވެސް ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބުކޮށްފަ އެވެ. އެއީ 21-12 އަދި 21-15 އިންނެވެ.
ފިރިހެން ޓީމު އިވެންޓުގެ ފައިނަލްގައި ރާއްޖެ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށް އަންގާރަ ދުވަހު އެވެ.