ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 16:50
އަންހެން ޓީޓީ ޓީމުގެ ދީމާ
އަންހެން ޓީޓީ ޓީމުގެ ދީމާ
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: މަޑަގަސްކަރަ ބަލިކޮށް، އަންހެން ޓީޓީ ޓީމަށް ތިންވަނަ މޮޅު
ފަހު މެޗުގައި ރާއްޖެ ނިކުންނާނީ މޮރިޝަސް އާ ދެކޮޅަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބާއްވާ ޤައުމު ކަމަށްވާ މަޑަގަސްކަރަ ބަލިކޮށް، ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން ތިންވަނަ މޮޅު ހޯދަފިއެވެ.

އާދިއްތަ ދުވަހު މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ފާތިމަތު ދީމާ އަލީ ވަނީ މަޑަގަސްކަރައިގެ ރަންޑްރިއާނާރިސޯ ނިއަންސާ ކައިރިން ސީދާ ތިން ސެޓުން މޮޅުވެފައެވެ. ދީމާ ސެޓުތައް ކާމިޔާބުކުރީ 12-10، 11-4 އަދި 11-9 އިންނެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވެސް ވަނީ ސީދާ ތިން ސެޓުން މަޑަގަސްކަރައިގެ ކުޅުންތެރިޔާގެ މައްޗަށް ކުރިހޯދާފައެވެ. ރަފާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-4، 11-2 އަދި 11-7 އިިންނެވެ.

ތިންވަނަ ގޭމުގައި ލައިސާ ފަތުހުﷲ އިސްމާއިލް ވަނީ ސަންތާތްރާ ކައިރިން ތިން ސެޓުން ބަލިވެފައެވެ. މަޑަގަސްކަރައިގެ ކުޅުންތެރިޔާ ސެޓުތައް ކާމިޔާބުކުރީ 11-6، 11-9 އަދި 11-7 އިންނެވެ. ފަހު ގޭމުގައިވެސް ދީމާ ވަނީ ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. ދީމާ ތިން ސެޓުވެސް ކާމިޔާބުކޮށްފައިވަނީ 11-6 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ މޮރިޝަސް އާ ދެކޮޅަށެވެ. މިހާރުވެސް، ގައުމީ ޓީޓީ ދެ ޓީމަށް ވަނީ މެޑަލް ޔަގީން ވެފައެވެ.

- ކޮމެންޓް