ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 16:05
ޒިމްބާބްވޭގެ ރައީސް އެމަރސަން މުނަންގަގުވާ
ޒިމްބާބްވޭގެ ރައީސް އެމަރސަން މުނަންގަގުވާ
އޭޕީ
ޒިމްބާބްވޭގެ އިންތިޚާބު
ޒިމްބާބްވޭގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރައްވައިފި
ނަތީޖާ ގަބޫލު ނުކުރާކަމަށް އެ ގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުން
ވާދަވެރި ކެނޑިޑޭޓު ނެލްސަން ކަމީސާއަށް ލިބިވަޑައިގެންފައިވަނީ 44 އިންސައްތަ ވޯޓު
ވޯޓުގެ ޓާންއައުޓް އުޅެނީ 69 އިންސައްތައިގައި

ޒިމްބާބްވޭގެ ރައީސް އެމަރސަން މުނަންގަގުވާ ވެރިކަމުގެ ދެވަނަ އަދި ފަހު ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

މިފަހަރުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ ހޮނިހިރު ދުވަހު އެ ގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން އިއުލާނު ކުރައްވާފައިވާއިރު، މުނަންގަގުވާގެ ވާދަވެރި ކެނޑިޑޭޓު ނެލްސަން ކަމީސާއަށް ލިބިވަޑައިގެންފައިވަނީ 44 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާކަމަށް އެ ގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އެގޮތުން އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އިންތިޚާބު އޮބްޒަރވް ކުރި ބޭރުގެ މޮނިޓަރުން ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން މި އިންތިޚާބުގައި ފުރިހަމަކުރެވިފައި ނުވާކަމަށް ބުނެފައެވެ.

އުމުރުފުޅުން 80 އަހަރުގެ މުނަންގަގުވާއަށް 2.3 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވެއެވެ. ވޯޓުގެ ޓާންއައުޓް އުޅެނީ 69 އިންސައްތައިގައެވެ. "ކްރޮކޮޑައިލް"ގެ ނަމުން މަޝްހޫރުވެފައިވާ މުނަންގަގުވާ 2018 ވަނަ އަހަރުވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ކުޑަ ތަފާތަކުންނެވެ. އެފަހަރު ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ޒިމްބާބްވޭގައި އިޖްތިމާއީ އަދި އިގްތިސާދީ ހަމަނުޖެހުން އޮތްކަމުގައިވީނަމަވެސް، އެ ގައުމުގެ ކުރީގެ ރައީސް ރޮބާރޓް މުގާބޭއާ ދެކޮޅަށް ހިނގައިދިޔަ އަސްކަރީ ބަޣާވާތަކަށްފަހު ވެރިކަމަށް ވަޑައިގެންނެވި މުނަންގަގުވާއަށް މިވަނީ 52 އިންސައްތަ ވޯޓު ކާމިޔާބު ކުރެއްވިފައެވެ.

މުގާބޭއާ ދެކޮޅަށް އޭރު އަސްކަރީ ބަޣާވާތެއް ހިނގަން މެދުވެރިވީ ނައިބް ރައީސް ކަމުގައި މުނަންގަގުވާ ހުންނަވަނިކޮށް، މަގާމުން ދުރުކުރެއްވުމާ ގުޅިގެންނެވެ.

މުނަންގަގުވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށްފަހު އެ ގައުމުގައި ވެރިކަންކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް، މުނަންގަގުވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެންނެވެ.

- ކޮމެންޓް