ފްރާންސް ލީގުގައި ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑު، ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ޕީއެސްޖީން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ 45 ވަނަ މިނެޓުގަ އެވެ. ވާރެން ޒައިރް އެމެރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯ އެވެ. މިއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރެއާލް މެޑްރިޑު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި އަސެންސިއޯ އެ ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މީގެ ކުރިން ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗެއްގައި އޭނާ ވަނީ ކުޅެފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެވެ. އެއީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު އެމްބާޕޭ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު އޭނާ ޖެހީ ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޕީއެސްޖީން ތިން ލަނޑު ޖެހި ފަހުން ލެންސް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހައިދިނީ ގިލަވޯގް އެވެ.
މިއީ މި ސީޒަންގެ ފްރާންސް ލީގުގައި ޕީއެސްޖީން ހޯދި ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ސީޒަން ފެށުނުކޮޅާ ގާތު ޓީމާ ޖެހުނު މައްސަލައިގައި އެމްބާޕޭ ފުރަތަމަ މެޗުގައި ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް އެ މެޗުން އެއްވަރުވުމާއެކު ދެ ވަނަ މެޗުގައި އޭނާ ވަނީ ޓީމުގައި ހިމަނައިފަ އެވެ. އެ މެޗުގައި އެމްބާޕޭ ލަނޑު ޖެހި ނަމަވެސް، ޕީއެސްޖީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.
ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ހަތަރު ވަނައިގަ އެވެ.