އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ފުރަތަމަ ފަހަރަށް މޮރިޝަސް އާއި ކޮމޮރޮސް ބަލިކުރުމަށްފަހު ފިރިހެން ޓޭބަލް ޓެނިސް ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ފިރިހެން ޓީޓީ ޓީމު ސެމީއިން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެނެވެ. ހޮނިހިރު ދުވަހު ފުރަތަމަ ކުޅުނު މެޗުން ޓީޓީ ޓީމު ބަލިވެފައިވަނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މަޑަގަސްކަރަ އަތުންނެވެ. ނަމަވެސް، މޮރިޝަސް އާއި ކޮމޮރޮސް ކައިރިން މޮޅުވެ، ޤައުމީ ޓީމު ވަނީ ސެމީ އިން ޖާގަ ހޯދާފައެވެ.
ދެވަނަ މެޗުގައި ފިރިހެން ޓީޓީ ޓީމުން ވަނީ ސީދާ ތިން ގޭމުން ކޮމޮރޮސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ކުޅެފައިވަނީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. ޝައްފާން ވަނީ ސީދާ ތިން ސެޓުން ގޭމް ކާމިޔާބުކޮށްފައެވެ. އެނާ ސެޓުތައް ކާމިޔާބުކުރީ 11-3، 11-5 އަދި 11-4 އިންނެވެ. ދެވަނަ ގޭމުން މޫސާ މުންސިފް އަހުމަދު ވެސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މުންސިފް ސެޓުތައް ކާމިޔާބުކުރީ 11-4، 11-1 އަދި 11-2 އިންނެވެ. އިދިކޮޅު ޓީމުގައި ދެ ކުޅުންތެރިން ތިބުމާއެކު، ރާއްޖެއަށް ވަނީ ފަހު ގޭމް ވެސް ލިބިފައެވެ.
ފަހު މެޗުގައި ރާއްޖޭގެ ޓީމުން މޮރިޝަސްގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ޝައްފާން ވަނީ މޮރިޝަސްގެ ޗަން ޔޫކް ފޯ ބްރައިން އަތުން 3-1 ން ބަލިވެފައެވެ. ގޭމުގެ ފުރަތަމަ ސެޓު 11-8 ން ކާމިޔާބުކުރީ ޝައްފާން އެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރީ ޗަން އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 11-8، 11-5 އަދި 13-11 އިންނެވެ.
ރާއްޖޭގެ މުންސިފް ވަނީ ޖެހިގެން އައި ގޭމުން ޔޮގަރަޖާ އަހިލެން 3-1 ން ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 11-4 ން މުންސިފް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު 11-9 ން ކާމިޔާބުކުރީ މޮރިޝަސް ކުޅުންތެރިޔާއެވެ. ޖެހިގެން އައި ދެ ސެޓު މުންސިފް ކާމިޔާބުކުރީ 11-9 އަދި 14-12 އިންނެވެ.
މެޗުގެ ތިންވަނަ ގޭމުގައި އަޚްޔާރު އަހުމަދު ޚާލިދު ވަނީ ސީދާ ތިން ސެޓުން އެސްކޭ ހޮސެން ޒަޔާން ގަޒާލީ ބަލިކޮށްފައެވެ. އަޚްޔާރު ސެޓުތައް ކާމިޔާބުކުރީ 11-7، 11-8 އަދި 13-11 އިންނެވެ. މެޗުގެ ހަތަރުވަނަ ގޭމުގައި ޝައްފާންވެސް ވަނީ ސީދާ ތިން ސެޓުން ޔޮގޮރަޖާ ބަލިކޮށްފައެވެ. ޝައްފާން ސެޓުތައް ކާމިޔާބުކުރީ 11-3، 11-9 އަދި 12-10 އިންނެވެ.
މިއަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ އެއް ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުންވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، މެޑަލް އެއް ޔަގީންކޮށްފައެވެ.