ޗައިނާގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ކުންފުނި، ކަންޓްރީ ގާރޑަން ދަރަނިވެރިވެ، ކުންފުނީގެ މުވައްޒަފުންގެ މުސާރަ ނުދެވި މިލިއަނެއްހާ އިމާރާތުގެ މަސައްކަތަށް ބުރޫއަރާފައި ވާކަމަށް ބޭރުގެ މީޑިއާތަކުނުް ރިޕޯޓުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކަންޓްރީ ގާރޑަންގެ ބޮޑު ދެސައިޓްގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެ ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތައް ދިއުން ވަނީ ހުއްޓާލާފައެވެ. މިއާއެކު ސައިޓުތަކުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައި ވާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބެއެވެ.
ކަންޓްރީ ގާރޑަން މިހާ ބޮޑަށް ދަރަނިވެރިވާން ފަށާފައި މިވަނީ ޗައިނާގެ ރިއަލް އެސްޓޭޓާއި އިމާރާތްކުރުމުގެ ސިނާއަތަށް އަންނަން ފަށާފައިވާ ހީނަރުކަމާއެކުއެވެ. މި ސިނާއަތަކީ ޗައިނާގެ އިގުތިސާދުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ ސިނާއަތެވެ. ނަމަވެސް މިހާރު މި ސިނާއަތަށް ލިބެމުންދާ ގެއްލުމާއެކު، ޗައިނާގެ އިގުތިސާދަށް އަންނާނެ ބަދަލުތަކާމެދު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަންޓްރީ ގާރޑަންގެ އޮފިޝަލަކު ވަނީ އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންނަށް ކުންފުނިން މުސާރަ ދެމުންދާކަމަށް ބުނެފައެވެ. އަދި ކުންފުނީގެ ބައެއް ސައިޓްތަކުގައި ކޮންޓްރެކްޓް އުސޫލުން އިމާރާތްކުރުމަށް ދޫކުރުމުން އެ ކޮންޓްރެކްޓް ނަގާމީހުން އަމިއްލަ މުވައްޒަފުން ނަގައިގެން މަސައްކަތްކުރާ ކަމަށާއި، އެއީ އެކުންފުނީގެ މުވައްޒަފުން ނޫންކަމަށްވެސް އޮފިޝަލު ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޗައިނާ ސަރުކާރުން ވަނީ ކަންޓްރީ ގާރޑަންގެ މެނޭޖްމެންޓް މައްސަލަތަކެއް ހުރިކަމަށް ބުނެ، އެކުންފުނީގެ ޔުންޖިންގް ހުއަޓިންގް ސައިޓްގެ މަސައްކަތްތައްވެސް (އެމައްސަލަތައް ހައްލުކުރެވެންދެން) ހުއްޓާލުމަށް އަންގާފައެވެ. އެސައިޓްގެ އިންސްޕެކްޝަނަށްފަހު އަންނަ ހަފުތާ މަސައްކަތްތައް ފަށާނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ސަސްޕެންޝަންގެ ސަބަބުން ކުންފުނިން އެމަސައްކަތް ނިންމަން އޮތް ދުވަހަށް މަސައްކަތް ނުނިމި ނުދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކަންޓްރީ ގާރޑަންއިން ދަނީ މިހާރުވެސް އެއް މިލިއަނެއްހާ ގެ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. ކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން މިތަނުން އެއްވެސް އިމާރާތެއްގެ މަސައްކަތް ހުއްޓިފައި ވާކަމަކަށް އެކުންފުނިން އަދި އެއްބަސްވެފައެއް ނުވެއެވެ. އަދި ކުންފުނިން ހަވާލުވެފައިވާ މަސައްކަތްތައް ނިންމާނެ ކަމަށްވެސް މިމަހުގެ 10 ވަނަ ދުވަހު އެކުންފުނިން ބުނެފައިވެއެވެ.