ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 20:19
ގައުމީ އަންހެން ޓީޓީ ޓީމުގެ ރަފާ
ގައުމީ އަންހެން ޓީޓީ ޓީމުގެ ރަފާ
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ފުރަތަމަ ދުވަހުގެ ދެ މެޗުވެސް ކާމިޔާބުކޮށް، އަންހެން ޓީޓީ ޓީމު ފެށުން ރަނގަޅުކޮށްފި
އަންހެން ޓީޓީ ޓީމުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ސީދާ ތިން ގޭމުން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުރަތަމަ ދުވަހު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އަންހެން ޓީޓީ ޓީމުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުތީ ސީޝެލްސްއާ ދެކޮޅަށެވެ. މި މެޗުގައި އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި ސީޝެލްސްގެ ލައުރާ ސިނޯންއެވެ. ދީމާ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ގޭމް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 11-4ގެ ނަތީޖާއަކުންނެވެ. އަދި ފަހު ސެޓު ކާމިޔާބުކުރީ 11-2ގެ ބޮޑު ފަރަގުންނެވެ.

ދެވަނަ ގޭމުގައި ސީޝެލްސްގް އަނީސާ ބެންސްޓްރޯންގްއާ ދެކޮޅަށް ކުޅެން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމު ރަފާ ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 11-5ން ކާމިޔާބުކުރީ ސީޝެލްސްގެ ކުޅުންތެރިޔާއެވެ. ނަމަވެސް، ރަފާ ވަނީ ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކޮށްފައެވެ. ރަފާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-8، 11-9 އަދި 11-7ންނެވެ.

ފުރަތަމަ މެޗުގެ ފަހު ގޭމުގައި ލައިސާ ފަތުހުﷲ އިސްމާއީލް ވަނީ ސީޝެލްސްގެ އަނީސާ ލެޕެރޭ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ފުރަތަމަ ދެ ސެޓު 11-4ން ކާމިޔާބުކޮށްފައި ވާއިރު، ފަހު ސެޓު ކާމިޔާބުކުރީ 11-3ގެ ނަތީޖާއަކާއެކުއެވެ.

ގައުމީ އަންހެން ޓީޓީ ޓީމުން ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ރިޔޫނިއަން އާއެވެ. ފުރަތަމަ ގޭމުގައި ދީމާ ވަނީ ސީދާ ތިން ސެޓުން މުފްލެޓް މެރިއޮން ބަލިކޮށްފައެވެ. މި ގޭމުގައި ދީމާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-3، 11-7 އަދި 11-5ންނެވެ. ދެވަނަ ގޭމުގައި ރަފާވެސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މާލެޓް މާޖާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ ސެޓު ރަފާ ކާމިޔާބުކުރީ 11-9ންނެވެ. ފަހު ސެޓު ކާމިޔާބުކުރީ 11-7ގެ ނަތީޖާއަކާއެކުއެވެ.

ރިޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ގޭމުގައި ވާދަކޮށްފައިވަނީ ލައިސާއާއި އަލްމެރީ ސޮލީންއެވެ. މި ގޭމު ލައިސާ ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ދެ ސެޓު ލައިސާ ކާމިޔާބުކޮށްފައިވަނީ 11-5ންނެވެ. ތިންވަނަ ސެޓު 11-7ން ކާމިޔާބުކުރީ އަލްމެރީއެވެ. ގޭމުގެ ހަތަރުވަނަ ސެޓުވެސް ލައިސާ ކާމިޔާބުކުރީ 11-5ންނެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމުން ވަނީ ގިނަ މެޑަލްތަކެއް ހޯދާފައެވެ. އެގޮތުުން އަންހެން ސިންގަލްސް ރަން މެޑަލް އަދި ރިހި މެޑަލްގެ އިތުރުން ޑަބަލްސް އިވެންޓްގެ ރަން މެޑަލްއާއި ޓީމް އިވެންޓްގެ ރަން މެޑަލް ވަނީ ހޯދާފައެވެ.

- ކޮމެންޓް