ވާދަވެރި ކުޅުމަކަށްފަހު، ގައުމީ ފިރިހެން ވޮލީ ޓީމުވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ގައުމީ ފިރިހެން ޓީމު ބައްދަލުކުރީ ރިޔޫނިއަންއާއެވެ. ރާއްޖެ ބަލިވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-18އިން ކާމިޔާބުކުރީ ރިޔޫނިއަންއެވެ. ދެވަނަ ސެޓު ދިޔައީ ފުރަތަމަ ސެޓަށްވުރެ ފޯރިގަދަކޮށެވެ. ގައުމީ ޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް، ދެވަނަ ސެޓުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މެޗުގެ އެންމެ ފޯރިގަދަ ސެޓު ރިޔޫނިއަން ކާމިޔާބުކުރީ 29-27ންނެވެ.
ރާއްޖެއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-19ގެ ނަތީޖާއަކުންނެވެ. ނަމަވެސް، ރިޔޫނިއަން ވަނީ ހަތަރުވަނަ ސެޓު 25-22ން ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ.
މިއަހަރުގެ މުބާރާތުގައި ގައުމީ ފިރިހެން ޓީމު ހިމެނިފައިވަނީ ގުރޫޕު އޭގައެވެ. ރާއްޖެއާއި ރިޔޫނިއަންގެ އިތުރުން މި ގުރޫޕުގައި ހިމެނިފައިވަނީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ މަޑަގަސްކަރައެވެ. ގުރޫޕު ބީގައި ހިމެނެނީ ސީޝެލްސް، ކޮމޮރޮސް އަދި މޮރިޝަސްއެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.
އައިއޯއައިޖީގައި ގައުމީ ފިރިހެން ޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ. މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބޭނެއެވެ.