ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 15:20
ޝައްފާން: މެޗުގައި ރަނގަޅު ވާދައެއް ކުރި: ފޮޓޯ-އެމްއޯސީ/ޝާބިން
ޝައްފާން: މެޗުގައި ރަނގަޅު ވާދައެއް ކުރި: ފޮޓޯ-އެމްއޯސީ/ޝާބިން
އައިއޯއައިޖީ
އައިއޯއައިޖީ: ޓީޓީ ފިރިހެން ޓީމް ފުރަތަމަ މެޗުން ބަލި
ބަލިވީ ސީދާ ތިން ގޭމުން
ޝައްފާން ރަނގަޅު ވާދައެއް ކުރި

މަޑަގަސްކަރާގައި ކުރިއަށްދާ 11 ވަނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމް ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު އަތުން ބަލިވެއްޖެއެވެ. މަޑަގަސްކަރަ އަތުން ރާއްޖޭގެ ޓީމް ބަލިވީ ސީދާ ތިން ގޭމުންނެވެ.

ރާއްޖޭގެ ޓީޓީ ޓީމް މަޑަގަސްކަރައާ ދެކޮޅަށް ފެށީ ރަނގަޅަށެވެ. މުހައްމަދު ޝައްފާން އިސްމާއީލް ކުޅެން ނިކުމެ, މަހޭފް އަތުން ފުރަތަމަ ސެޓް ހޯދީ ފަސޭހައިން, ބޮޑު ފަރަގަކާއެކުއެވެ. އެއީ 11-5ންނެވެ. އެކަމަކު ޖެހިގެން އައި ސެޓް 11-7ން ރަންޑްރިއަންނަޓޯންޑްރޯ މަހޭފް ގެންދިޔައެވެ. އޭނާ ސެޓް ގެންދިޔައީ 11-7ންނެވެ. ދޫނުދީ ކުޅެ ތިންވަނަ ސެޓް ޝައްފާން ހޯދީ 11-6ންނެވެ. އެކަމަކު ވާދަވެރިކަން ބޮޑުވި ފުރަތަމަ ގޭމްގެ ހަތަރުވަނަ ސެޓް މަޑަގަސްކަރަ ކުޅުންތެރިޔާ 11-7ން ގެންދިއުމުން ނަތީޖާ ނެރެވުނީ ފަސްވަނަ ސެޓް ކުޅެގެންނެވެ. ފަސްވަނަ ސެޓް ޝައްފާން އަތުން ފަސޭހައިން ގެއްލުނީ 11-5ންނެވެ.

ދެވަނަ ގޭމަށް ނިކުތީ މޫސާ މުންސިފް އަހުމަދެވެ. އޭނާއާ ދެކޮޅަށް ނިކުތީ ނަޓިވެލް ޖޮނަތަންއެވެ. ފުރަތަމަ ސެޓް ޖޮނަތަން ގެންދިޔައީ 11-5ންނެވެ. ދެވަނަ ސެޓުގައި މުންސިފް ވަރަށް ރަނގަޅު ވާދައެއްކޮށް, ސެޓް ގެއްލުނީ 12-10ންނެވެ. އެކަމަކު އެރޫހުގައި ކުޅެ ތިންވަނަ ސެޓް މުންސިފް ހޯދިއެވެ. އެއީ 12-10ންނެވެ. ހަތަރުވަނަ ސެޓް މުންސިފް އަތުން ގެއްނުލީ 11-5ންނެވެ.

ތިންވަނަ ގޭމަށް ނިކުތީ މުހައްމަދު ޒީސްތު ނަސީމެވެ. ޒީސްތު އަތުން ރަޒަފިންރަލަމްބޯ ޒޯ ނަދަރު ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 11-7, 11-7 އަދި 11-3ންނެވެ.

ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނެނީ މަޑަގަސްކަރައާއި މޮރިޝަސް އަދި ކޮމޯރޯސްއެވެ.

- ކޮމެންޓް