ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން މިއަންނަ ބުރާސްފަތި ދުވަހު 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއެއް އެގައުމުގައި ކުރުމަށް ގޮވާލައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ގޮވާލި މުޒާހަރާއަކީ އަލުން ގާނޫނު އަސާސީ އެކުލަވާލަން ރައީސް ނިކޮލަސް މަޑޫރޯ މަސައްކަތްޕުޅު ކުރައްވާތީ ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާއި ބެހޭ ގޮތުން ވޯޓެއް ވެސް ބާއްވާފައެވެ. ވޯޓުގައި ބައިވެރިވި 19 މިލިޔަން މީހުންގެ ތެެރެއިން ތިން ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ އަލުން ގާނުނު އަސާސީ އެކުލަވާލުމާ ދެކޮޅު ހަދާފައެވެ.
ވެނެޒުވޭލާގެ އިދިކޮޅު ކޯލިޝަނުގެ އެެއް ލީޑަރު ކަމަށްވާ ފްރެޑީ ގުއެވަރާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ ހުރިހާ ރައްޔިތުން ވެސް 24 ގަނޑިއިރަށް ދިގުދެމިގެންދާ ސުލްހަވެރި ބޮޑު މުޒާހަރާއެއް ކުރުމަށް ކަމަށާއި މިއީ ސަރުކާރަށް ޕްރެޝަރު ކުރުމަށް ކަމަށެވެ.
ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ ހުރިހާ ފަރާތްތަކުންވެސް މަޝްވަރާ ކުރުމަށް ގޮވާލާ ކަމަށާއި އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ވެނުޒުވޭލާގެ މަޝްރަހު ވަނީ ވަރަށް ހަަލަބޮލިވެފައެެވެ. ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ.