ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 07:39
ސްޕެނިޝް ލީގުގައި ރެއާލުން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅު ކުރަނީ
ސްޕެނިޝް ލީގުގައި ރެއާލުން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ރެއާލަށް ތިން ވަނަ މޮޅު، ބެލިންހަމްގެ ވިދުން ގަދަ
 
ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ތިން މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހާފަ

ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ތިން ވަނަ މޮޅު ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސެލްޓަ ވީގޯގެ އަބަންކާ ބަލަައިޑޯސްގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ސެލްޓަ ވީގޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޖޯޖެން ސްޓްރޭންޑް ލާސަން ޖެހި ލަނޑު ބަލައި ނުގަންނަން ރެފްރީ ނިންމީ ވީއޭއާރު ބެލުމަށް ފަހު އެވެ. ރެއާލުން މެޗުގައި ލަނޑު ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން 68 ވަނަ މިނެޓުގައި ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ސެލްޓަ ވީގޯގެ އޭރިޔާ ތެރެއިން ރޮޑްރީގޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ގައި ރޮޑްރީގޯ ފޮނުވާލި ބޯޅަ ސެލްޓަ ވީގޯގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުން ރެއާލް މޮޅު ކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ޖެހީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އެވެ. އެއީ ޖޮސެލޫ ދިން ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. މިއީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ރެއާލަށް ބަދަލުވި ބެލިންހަމް އެ ޓީމަށް ޖަހައިދިން ހަތަރު ވަނަ ލަނޑެވެ. ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ތިން މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެން ރެއާލް އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ރަޔޯ ވެޔެކާނޯ އާއި ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް އެއީ ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް