ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ވާގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތްތަކުގައި އިސްކޮށް ހުރި އެ ގްރޫޕްގެ ލީޑަރު، ޔެވްގެނީ ޕްރިގޮޒިން، މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއްގައި މަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެކަން ކަށަވަރު ކުރެވޭނެ ހެއްކެއް އަދި ނެތް ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ބުނީ ވެއްޓުނު ޖެޓްގައި ޔެވްގެނީ ޕްރިގޮޒިން އިންކަން ކަށަވަރު ކުރެވޭނެ ހެއްކެ ނެތް ކަމަށެވެ. އެހެންނަމަވެސް އެ ޖެޓުގައި އޭނާ އިނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ މަރުވެފައިވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ރަޝިއާގެ އިދާރާތަކުން ވަނީ ވެއްޓުނު ޖެޓުގައި ޕްރިގޮޒިން އިން ކަމަށް ބުނެފައެވެ. މޮސްކޯގެ ހުޅަނގުއުތުރުގެ ހިސާބަކަށް އެ ޖެޓް ވެއްޓިފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައި މި ވަނީ ޕްރިގޮޒިން އިސްވެ ހުރެ ރަޝިއާގައި ކުރި ބަޤާވާތް ކުރިތާ ދެ މަސް ދުވަސް ފަހުންނެވެ.
ރަޝިއާގެ އިދާރާތަކުން ވަނީ މި ހާދިސާ އާއި ގުޅޭ ތަހުގީގުތައް ފަށާފައެވެ. ނަމަވެސް އެ ޖެޓުގައި ހިމެނުނު 10 މީހުންނަކީ ކޮބާކަން މިހާތަނަށް އައިއިރު ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގި އިރު ޖެޓުގައި ތިބީ ޖުމުލަ 10 މީހުންނެވެ. އެއީ 7 ފަސިންޖަރުންނާއި 3 ފަޅުވެރިންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވެއްޓުނު ޖެޓުގައި ވާގްނާ ގްރޫޕްގެ ލީޑަރު އިންކަން ނުވަތަ ނޫންކަން ޔަގީން ނުކުރެވި ވަނީ އޭނާ އަކީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް ގެންގުޅޭ މީހަކަށް ވާތީ އެވެ.
ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުންޏެއްް ކަމަށްވާ ވާގްނަރ ގުރޫޕުން ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމާގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ ގްރޫޕްގެ ޖެޓެއް ވެއްޓުނުއިރު އޭގައި ތިބީ 10 މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ 7 ފަސިންޖަރުންނާއި 3 ފަޅުވެރިންނެވެ. އަދި އެ ޖެޓްގައި ތިބި އެންމެންވެސް މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެ 10 މީހުންގެ ހަށިގަނޑުވެސް ފެނިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ރަޝިޔާގެ އެއްވެސް އިދާރާއަކުން މިހާތަނަށް އައިއިރު އެ ކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރަޝިޔާގެ ވައިގެ ސިފައިންގެ އިސްވެރިޔާ، ޖެނެރަލް ސެރްގިޔޭ ސޮރެވިކިން އެ މަގާމުން ދުރުކުރިތާ އެއް ދުވަސް ފަހުން، އެ ބޯޓު ވައްޓާލާފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާ ދީގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެފަދަ މީޑިއާތަކުން ބުނާގޮތުން، ޕްރިގޮޒިން މަރާލާފައިވަނީ ރަޝިއާގެ އަސްކަރިއްޔާ ފަހަތުގައި އޮވެގެންނެވެ. ސަބަބަކީ ޕްރިގޮޒިންގެ ބާރު ހިނގާ ފައުޖުތަކުން ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތެއް ކުރަން މަަސައްކަތްކޮށްފައި ވުމެވެ.