Advertisement
ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 08:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
އިގްތިޞާދީ ބޮޑުބަދަލުގެ ސިޔާސަތު ލޯންޗުކުރުން
ވެރިކަންކުރުމަށް އެންމެ ފައްކާވެފައި އޮތް ޕާޓީއަކީ އެމްޑީޕީ: ރައީސް
2018 ވަނަ އަހަރު އޮތް ބިރަކީ އިންތިޚާބަށް ކުރިމަތިލާނެ މީހަކު ނެތުންކަމަށާއި ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތުކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން އަނިޔާވެރިކަން މާޒީގެ ތެރެއަށްގޮސް ހަމަޖެހުމާއި އުފާވެރިކަން ރާއްޖެއަށް ގެނެސްދެއްވިއްޖެކަމަށް

ރާއްޖޭގައި ވެރިކަންކުރަން އެންމެ ފައްކާވެފައި އޮތް ޕާޓީއަކީ އެމްޑީޕީކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގައި ވަނީ ފާއިތުވި 23 އަހަރު ރާއްޖެއަށް ކުރިމަތިވިކަންކަމުގެ މައްޗަށް ބަލާލާ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އެ ޕްރެޒެންޓޭޝަނަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ 2003 ވަނަ އަހަރު އީވާން ނަސީމް ޖަލުގައި މަރާލި ހާދިސާއިން ފެށިގެން 2018 ވަނަ އަހަރު އޮތް އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތްތައް ފެނިގެންގޮސްފިކަމަށެވެ.

2003ގައި އީވާން ނަސީމް ޖަލުގައި މަރާލި ހާދިސާ އާއި 2004 އޮގަސްޓް 12، 13 މައިދާނަށް އެއްވެ އެކުރި މުޒާހަރާ އާއި އެއަށްފަހު ކުރި ބުރަ މަސައްކަތުން ރާއްޖޭގައި އޮތް ހުދުމުހުތާރު ވެރިކަން 2008 ވަނަ އަހަރު އެމްޑީޕީ އާއި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އެކުވެ ބަދަލު ކޮށްލިގޮތް ފެނިގެންދިޔައީ. އެއަށްފަހު 2012 ގައި ކުރިމަތިވި ނާމާން ދުވަސް ފެނިގެންގޮސްފި. އެއަށްފަހު 2013 ވަނަ އަހަރު ވެރިކަމަށް އައި ސަރުކާރުން ކަންކުރަމުންދިޔަ އަނިޔާވެރިކަމާއި ހުދުމުހުތާރުކަމާއި ރާއްޖެއަށް ވެރިވެފައި އޮތް ނާމާންކަން ވަރަށް ރީއްޗަށް ހާމަވެގެންގޮސްފި. އެއަށްފަހު ދެން އޮތް ވޯޓުގައި ޖުމްހީރީ އާއި އަދަލާތާއި އެމްޑީޕީ އާއި އެމްއާރުއެމް ނުކުމެ އެ އަނިޔާވެރި ސަރުކާރު ބަދަލުކޮށްލި ގޮތް ފެނިގެންދިޔައީ. އަނިޔާވެރިކަމުގެ ކުރިމަތީގައި އަޅުގަނޑުމެން ފަހަރަތަކަށް ނުޖެހޭނެ. މަގުމަތީގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން އައީ. މިއަދު އެހެންވެ އަޅުގަނޑު ތިބޭފުޅުންނަށް މިދަންނަވަނީ ރާއްޖޭގައި ވެރިކަންކުރުމަށް އެންމެ ފައްކާވެފައި އޮތް ޕާޓީއަކީ އެމްޑީޕީއޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން އަނިޔާވެރިކަން މާޒީގެ ތެރެއަށްގޮސް ހަމަޖެހުމާއި އުފާވެރިކަން ރާއްޖެއަށް ގެނެސްދެއްވިއްޖެކަމަށެވެ. ރާއްޖެއަށް ބަދަލުތަކެއް އަތުވެއްޖެކަމަށާއި ބަދަލުތަކެއް ގެނެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުން އެއްބުރުން މިފަހަރުގެ އިންތިޚާބު ކާމިޔާބުވާތަން ފެނިވަޑައިގަންނަވާކަމަށެވެ.

2018 ވަނަ އަހަރު އޮތް ބިރަކީ އިންތިޚާބަށް ކުރިމަތިލާނެ މީހަކު ނެތުންކަމަށާއި ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތުކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާސީގޮތުން ވެރިކަމެއް ކޮށްދާނެހެން ހީވާ ކޮންމެ މީހަކު ހުރީ ބަންދުކޮށްފައި. އާއިލާ ހުރިގޮތަށް، ބައްޕަ އާއި ދަރިފުޅާއި ކާފަ އާއި ދަރިފުޅާ ދެމަފިރިން އެކުގައި ޖަލުގައި. ކިރިޔާވެސް ވެރިކަމުގެ ބަސް ބުނެފާނެ މީހަކު ހުރީ ގޮސް ޖަލުގައި. އެކަމަކު މިއަހަރު މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ މީހުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަހަރު. ޚިޔާލުފާޅުކުރުމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫން. އެކަން މި ސާފުކޮށްދިނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ގެނުވުނު ބަދަލާއެކު ފެންނަމުންދަނީ ތަރައްގީގެ ބޮޑު ބަދަލެއް ރާއްޖެއަށް އަންނަމުންދާތަންކަމަށެވެ. މިކަން ހުއްޓޭކަށް އެއްވެސް ރައްޔިތަކު ނޭދޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެއްބުރުން އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް