ބަދަލުވަމުންދާ ސިޔާސީ އޮއިވަރާއި، އެނބުރެމުންދާ ހާލަތާއި އެކު ފިކުރާއި ޚިޔާލު ބަދަލުވުމަކީ ވެދާނެކަމެކެވެ. ސިޔާސީ ކަންކަން ތަރުތީބުވެގެން އަންނަ ގޮތުން ސިޔާސީ ގޮތުން ހުންނެވި ފަޅި ބަދަލުވުމަކީ ވެސް ވެދާނެ ކަމަކެވެ. އެހެންނަމަވެސް ޕާޓީ އާއި ޕާޓީގެ ފިކުރާއި، އެ ޕާޓީ އަކަށް ތާއީދުކުރާ އާއްމުންނަށް މަގު ދައްކަން ތިއްބަވާ އިސް މޭސްތިރީން އެއް ޕާޓީން އަނެއް ޕާޓީން "ޖަމްޕް" ޖައްސަވަމުން ދިއުމަކީ އެކަމަކާއި މެދު އާއްމުން ފާޑުކިޔާނެ، ބަސް ބުނާނެ ކަމެއްކަން ޔަޤީނެވެ.
ދައްކަން މިއުޅެނީ މިހާރު ރިޔާސީ ރޭހަށް ނުކުންނަވައިގެން ހުންނެވި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުގެ ވާހަކައެވެ. މި ބޭފުޅާގެ މުޅި ސިޔާސީ ހަޔާތުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ދިވެހިން މިދެކޭ ފެހި ޤާނޫނު އަސާސީގެ ދަށުން ދެކެމުން މިދާ ޑިމޮކްރަސީގެ ހަނދާނުގައި މި މަނިކުފާނުގެ ސިޔާސީ ވިސްނުން ބަދަލުވެގެން އައިގޮތަށް ބަލާލާނަމެވެ. ކައިރި ކައިރީގައި އެމަނިކުފާނު ހުންނެވި ސިޔާސީ ފަޑީގެ ކުލަ ބަދަލުކުރައްވައިފިއެވެ. 2008 އިން 2010 އަށް މުއިއްޒު ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އޭގެ ފަހުން 2010 އިން 2012 އަށް އަދާލަތު ޕާޓީގައި، 2012 އިން 2013 އަށް ގައުމީ އިއްތިހާދު ޕާޓީ، 2013 އިން އިހަށް ދުވަހާއި ޖެހެންދެން ޕީޕީއެމްގައި އުޅުއްވިއެވެ. ދެން އެންމެ ފަހުން ޕީއެންސީއަށް ވަޑައިގަތް ހާލަތާއި މަގްސަދު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭތާއެވެ.
ކޮންމެ ފަހަރަކު ވެސް ސިޔާސީ ގޮތުން އެ ވަޑައިގަންނަވާ ފަޅިއެއްގައި ހުންނަވައިގެން އޭރެއްގައި ހުންނަވާ ސިޔާސީ ފިކުރަކާއި އެއްގޮތަށް ވާހަކަތައް ދައްކަވައެވެ. އޭރެއްގައި ތާއީދުކުރައްވާ ބޭފުޅަކާއި ތައުރީފް ކުރެއްވުމާއި ހުޝާމަތުކުރެއްވުމުގައިވެސް ހަމައެވަރެއް ނެތެވެ. އަދި އެހެން ދިމާލަކުން ފުރުސަތެއް ފެންނަ ހިސާބުން މުޅި ސިޔާސީ ފިކުރު ފުށުން ޖައްސަވާ އަނެއް ޕާޓީ އަށް "ޖަމްޕް" ކުރައްވަނީއެވެ.
މި މަނިކުފާނު މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އޭރު އެންމެ ފައިދާ ބޮޑު ގޮތަކަށް ވީ އިދިކޮޅު އެންމެ ބޮޑު ޕާތީ ޕީޕީއެމްގެ ޕްލެޓްފޯމުގައި ވަކާލާތުކުރެއްވުމެވެ. އެ ހައިސިއްޔަތު އޭރު ނިކަން މުހިންމެވެ. ޕީޕީއެމްގައި ހުންނަވާ ތަކުރާރުކޮށް ވިދާޅުވީ ޕީޕީއެމް އަށް ޚިދުމަތް ކުރުމަށް ވަގުތު ޚަލާސްކުރައްވާނެ ވާހަކައެވެ. ވެރިކަމަށް ޝައުގުވެރިކަން ހުރިތޯ ސުވާލުކުރި ކޮންމެ ފަހަރަކު އެކަމަށް ނޫން ބަސް ވިދާޅުވިއެވެ. ނަމަވެސް ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނަގާ ވާހަކަ ހަމަ ބުނުމާއެކު އެ ޕާޓީ އަށް "ޖަމްޕް" ޖެއްސެވީއެވެ. 24 ގަޑި އިރު ތެރޭގައި އަވަސް އަރުވާލައިގެން ޕީއެންސީ އަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓުގެ ފޮނިކަން ބޭނުންވެލައްވައިގެންނެވެ. އެއަށްފަހު ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު އެ ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ފިކުރު ފުށުން ޖެހުނީކީ ނޫނެވެ. އެހެނަސް ސިޔާސަތުތައް ތަފާތުވެއްޖެކަން ހާމައަށް ފެންނަން އެބަހުއްޓެވެ. އަނެއްކާ ޖަމްޕު ޖައްސަވަނީ ހަމައެކަނި އެއް ޕާޓީން އަނެއް ޕާޓީއަކަށް ނޫނެވެ. މި މަނިކުފާނުގެ ޚިޔާލާއި ފިކުރަކީ ވެސް ހަމައެފަދަ އެއްޗެކެވެ. އެއްފަހަރު ވިދާޅުވަނީ ތިމަން މަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވިޔަސް ހަމަ ރައީސް ޔާމީން ކުރިމަތިލެއްވި ފަދަ ކަމަށެވެ. އަނެއްބައި ފަހަރު ޔަމީންގެ ސިޔާސަތާއި މެދު ސުވާލުކުރުމުން ކޯފާ އިސްކުރައްވާ ތިމަން މަނިކުފާނަކީ ޔާމީން ނޫންކަމަށް ވިދާޅުވެއެވެ. އަދި އަނެއްބައި ފަހަރު ޔާމީން ގެއަށް ބަދަލުކޮށްދެއްވާނެ ކަމަށް ވެސް ޖަޒުބާތުގައި ވިދާޅުވަނީއެވެ. މިހެން ވިދާޅުވާ އިރު ސިޔާސީ ބޭބޭފުޅުން ގެއަށް ބަދަލުކުރުމުގައި ވެރިން ގެންގުޅޭ އުސޫލުކަމު ނުގޮސްގެން ކުރިން ދެއްކެވި ވާހަކަތައް ހަނދުމަފުޅު ނެތްކަހަލައެވެ.
މީގެ އިތުރުން ގުޅީފަޅާއި މެދު ދެއްކެވި ވާހަކަތަކަކަސް, ލާމަރުކަޒީ ނިޒާމާއި މެދު ދެއްކެވި ވާހަކަތަކަކަސް ހަމަ އެފަދައެވެ. ވަޒީރުކަމުގައި ހުންނެވި އިރު ގުޅީފަޅަކީ މީހުން އުޅެން ހެޔޮވާވަރުތަނެއް ނޫން ކަމަށް ހަރު އަޑުން ވިދާޅުވިއެވެ. މިއަދު ވެރިކަމަށް ފައި ނަންގަވައިގެން ހުންނެވުމުން މި ސަރުކާރުން ގުޅީފަޅުން ދޭ ގޯތިތައް ވެސް އަތުނުލައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެ ވާހަކައިން ވެސް މުޅިން ތަފާތު ދިމާލަކަށް ޖަމްޕް ޖެއްސެވީއެވެ. އިހަށް ދެއްކެވީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ވާހަކައެވެ. ރަށްތައް އެއްކޮށްލުމުގެ ވާހަކައެވެ. އެކަމަކު މިއަދު އެ ރާގުވެސް ބަދަލުވެއްޖެއެވެ.
މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އޭރަކު ވައި ހުރި ކޮޅަކަށް ސިޔާސީ ކުރިބޯށި ހިއްލާލައްވަން ނުކުންނަވައެވެ. އޭރެއްގައި ފުރުސަތު އޮތްތަނަކަށް "ޖަމްޕް" ޖައްސަވައެވެ. ބައެއް ފަހަރު ހުންނަވަނީ ފަސޭހައިން ވަޒީރުކަން ލިބޭނެ ފަޅީގައެވެ. އަނެއްބައި ފަހަރު މޭޔަރުކަން ލިބޭނެ ގޮތެއް ސިޔާސީ ޕްލެޓްފޯމުގެ އަލީގައި ހޯއްދަވައެވެ. އަނެއްބައި ފަހަރު ޓިކެޓް ބޭނުންވީމަ މުޅިން އާ ޕާޓީއެކެވެ. "ޖަމްޕް" ޖައްސަވަން މިވަރެއް ނެތެވެ. މާދަމާ ވެސް އެހެން ދިމާލަކުން ފުރުސަތެއް ފެނިއްޖެ ނަމަ ހަމަ ފުންމާލައްވަފާނެއެވެ. މިއަށް ބައެއް މީހުން އޮޕޮޗުނިސްޓުންނޭ ވެސް ކިޔާ އުޅެއެވެ. އަމިއްލަ ވަކި މިސްރާބެއްނެތި އަޒުމެއް އަމާޒެއް ނެތި އެއިރަކު ހިތަށް ފެނުނު ގޮތަކަށް ދީލާލަނީއެވެ.