ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 08:19
ެރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލް
ެރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލް
ޓްވިޓަރ
ގެރެތް ބޭލް
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
މިވަގުތު ރެއާލްގައި މިހުރީ ވަރަށް ހިތްހަމަޖެހިގެން
ކުރިޔަށް އޮތްތަނުގައި މޮޅު ކުޅުން ފެނިގެންދާނެ
އެއްވެސް ކްލަބަކާއެކު ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ

މެންޗެސްޓާ ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ ކަމަށާއި، ރެއާލް މެޑްރިޑުގައި ހުރީ ހިތްހަމަޖެހިގެން ކަމަށް އެ ކްލަބުގެ ވިންގާ ގެރެތް ބޭލް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ މާސާ އަށް ދިން އިންޓަވިއުއެއްގައި ބޭލް ބުނީ ޔުނައިޓެޑުން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށާއި، މިވަގުތު ރެއާލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

އެގޮތުން އޭނާ ބުނީ މިހާރު ރަނގަޅު ފޯމަކަށް އެޅިފައިހުރި ކަމަށާއި، ކުރިޔަށް އޮތްތަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެންދާނެ ކަމަށެވެ.

މީގެއިތުރުން ބޭލް ބުނީ ރެއާލްއާއެކު އޭނާ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެއްވެސް ކްލަބަކާއެކު ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ. އެގޮތުން އެއްވެސް ހުށަހެޅުމެއްވެސް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޭލް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވެސް ވަނީ ބޭލް ހޯދަން މަސައްކަތްކޮށްފައެވެ.

މި ސީޒަނުގެ ބޮޑު ބައެއް އަނިޔާގައި ހުންނަން ޖެހުނު ބޭލް މި ސީޒަނުގައި ކުޅެފައިވަނީ 27 މެޗެވެ. އަނިޔާގެ ސަބަބުން ބޭލް އަށް ގިނަ މެޗުތައް ގެއްލިފައިވާއިރު، ފިޓްވުމަށް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ޓޮންމަހް ހޮޓްސްޕާއިން 2014 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ، ބޭލް ވަނީ މިހާތަނަށް ރެއާލްއަށް 67 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެޓީމާއެކު އޭނާ ވަނީ ކޮޕާ ޑެލްރޭ، ފީފާ ކްލަބް ވޯލްޑްކަޕް، ޔޫއެފާ ސުޕަރކަޕް، އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް