ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 11:34
ނަބާއާއި ނަބީ މެޑަލް ހޯދުމަށްފަހު
ނަބާއާއި ނަބީ މެޑަލް ހޯދުމަށްފަހު
އައިއޯއައިޖީ
އައިއޯއައިޖީގައި ބެޑްމިންޓަން ކުޅުންތެރިންގެ ފޯކަސް ސީދާ ރަން މެޑައްޔަށް!
 
ޓީމް މޯލްޑިވްސް މިހާރު އޮތީ މަޑަގަސްކަރާގައި

އަންނަ ހުކުރު ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ބެޑްމިންޓަން ސްކޮޑުގެ ޓާގެޓަކީ ރަން ކަމަށާއި، އެ ނޫން ޓާގެޓަކަށް މިފަހަރު ނުވިސްނާ ކަމަށް ކުޅުންތެރިން ބުނެފި އެވެ.

ރާއްޖެ އިން މިފަހަރު އައިއޯއައިޖީއަށް ދާ ކޮންޓިޖެންޓް މިހާރު ތިބީ މަޑަގަސްކަރާގައެވެ. ގޭމްސްއަށް ފުރުމުގެ ކުރިން އެމްއޯސީ މީޑިއާއަށް ވާހަކަ ދައްކަމުން ކުޅުންތެރިން ވަނީ ރަން މެޑައްޔަށް ކުރާ އުންމީދުތައް ހިއްސާކޮށްފަ އެވެ.

އެންމެފަހުން، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައިވެސް ބެޑްމިންޓަނުން ރަން މެޑަލް ހޯދަފައިވާ އިރު، ދެން އެ އަށް ވުރެ ދަށްކޮށް ވިސްނުން ގެންގުޅެން ބެޑްމިންޓަން ކުުޅުންތެރިން ބޭނުމެއް ނުވެ އެވެ. އެއީ، ކުރިއަށް ވުރެ އަބަދުވެސް އެއް ފިޔަވަޅު ކުރިއަށް ޖެހިލައިގެން ތިބެން ބޭނުންވާތީ އެވެ.

ކޮރެއާއިން ގެނައި ކޯޗާއެކު ގައުމީ ޓީމުގެ މަސައްކަތް ފެށުނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައި. އޭރުން ފެށިގެންވެސް ކޯޗު އައީ ވަރަށް ބޮޑަށް އެނަލައިޒް ކުރަމުން. އެހިސާބުން ފެށިގެން ކޯޗާއެކު މަސައްކަތްކޮށް، ރާއްޖެ ތަމްސީލުކޮށްފިން ދެތިން މުބާރާތެއްގައި ވެސް. އެންމެފަހުން މޮރިޝަސްއަށް މިދިޔައީ، އެ މުބާރާތުން ކޯޗާއެކު ފުދޭވަރަކަށް ރަނގަޅު ކާމިޔާބީއެއް ހޯދި. އެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދިޔައިރު، މޮރިޝަސް ކުޅުންތެރިންނަށްވުރެ ގިނައިން ދިވެހި ކުޅުންތެރިން ކުއާޓާއަށް ދިޔަ
މުހައްމަދު އަޖުފާން

ގައުމީ ޓީމުން ކޮރެއާގެ އެލީޓް ކޯޗަކާ އެކު އައިއޯއައިޖީއަށް ތައްޔާރުވަމުން އަންނަ އިރު، އަޖުފާން ފާހަގަކުރީ އައިއޯއައިޖީގައި ރާއްޖެއާއި އެންމެ ވާދަވެރި ގައުމަކަށް އަބަދުވެސް ވެފައި އޮންނަނީ މޮރިޝަސް ކަމަށާއި، އެ ގައުމުގެ ކުޅުން ވަޒަން ކޮށްލަން ލިބުނު ފުރުސަތުން ލިބުނީ ރަން މެޑައްޔަކަށް ހިތްވަރު ކަމަށެވެ.

އަޖުފާން ފާހަގަކުރީ އައު ކޯޗާއެކު ކުޅުންތެރިން ޑިސިޕްލިން ރަނގަޅުކުރަން ކަންކަން ކުރެވިއްޖެ ކަމަށާއި، ގަޑިއަށް ޕްރެކްޓިސްއަށް ދިޔުމުން ފެށިގެން ބޭސިކް ގިނަ ކަންތައްތަކަށް ކޯޗު ދޭ ސަމާލުކަމަކީ މުހިއްމު ކަމެއް ކަމަށެވެ،

ގައުމީ ސްކޮޑުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ ނިބާލް އަހުމަދުވެސް ވަނީ ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އޭނާ ބުނީ ކޯޗު ޓީމާ ހަވާލުވެ ކުރި ތަމްރީނުތަކުގެ ސަބަބުން މިހާރު "އެހެން ލެވެލް" އަކަށް ޖެހިލާފައިވާ ކަމަށެވެ. އޭނާވެސް ފާހަގަކުރީ ރާއްޖޭގައި މިހާރު އޮތް ބެޑްމިންޓަން ޓީމަކީ އައިއޯއައިޖީގެ ގައުމުތަކަށް ބަލާއިރު ރަނގަޅު ގައުމެއް ކަމަށާއި، ރަން މެޑައްޔަށް ވަރަށް ބޮޑަށް ޓާގެޓް ކޮށްފައިވާ ކަމަށެވެ.

މިފަހަރު ގައުމީ ޓީމުން އެންމެ ފަހުން ފުރުސަތު ލިބުނީ ސިލެކްޝަން ކުޅެގެން ޓީމަށް ނެގި، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން ޝިޔާމް އެވެ. އޭނާ ވެސް ބުނީ ކޯޗުގެ ތަފާތު ޓީމުން ފެނިގެންދާ ކަމަށެވެ. ހާއްސަކޮށް ކުޑަ ދުވަސްކޮޅަކުން ވެސް ކޯޗުގެ ތަފާތު ޓީމުން ފެނިގެންދާ ކަމަށް އޭނާ ބުންޏެވެ. ރިޝްވާން ބުނީ ބެޑްމިންޓަންގެ ޓީމް އިވެންޓާއި އިންޑިވިޖުއަލް އިވެންޓުންވެސް ރަން މެޑަލް ހޯދޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް ތިބި ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް ވެސް ފާހަގަކުރީ މިފަހަރު އޮތް ޓީމު ވަރުގަދަ ކަމާއި، އިރާދަކުރެއްވިއްޔާ ގައުމަށް ރީތި ނަން ހޯދައިދެވޭނެ ކަމަށެވެ. ހާއްސަކޮށް، ގައުމަށް ރަން މެޑަލް ގެނެސްދޭން އަޒުމެއްގައި ހުރި ކަމަށެވެ.

އަންހެން ސްކޮޑުވެސް ރަނަށް ވިސްނުން ހުރި އިރު، އެންމެފަހުން 2019 ވަނަ އަހަރު މެޑަލް ގެނެސްދިން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ވެސް ތިބީ މިފަހަރު ރަން ކާމިޔާބީއަކަށް އުންމީދު ކޮށްގެންނެވެ.

ކުރިން އައިއޯއައިޖީއަށް ދިޔައީ މެޑަލްއަކަށް ނަމަވެސް، އެފަހަރު މާ ބޮޑަށް އުންމީދެއް ނުކުރަން. އެހާ ތަޖުރިބާއެއް ނެތި ދިޔައީވެސް. މިފަހަރު މިދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އައިއޯއައިޖީގައި ވާދަކުރާ ޓީމުތައްވެސް ދަސްވެ، މިފަހަރު ނަބާއާއި ނަބީވެސް ދަނީ ރަން މެޑަލްއަކަށް. ސިންގަލްސްއިންވެސް މެޑަލް ހޯދަން މިފަހަރު މިދަނީ
ފާތިމަތު ނަބާހާ

ނަބާ ބުނީ މާ ބޮޑަށް މީހުން ކޮށްފާނެ އުންމީދުތަކަށް ސަމާލުނުވާ ކަމަށާއި، ބޮޑަށް ބޭނުންވަނީ އެކަންކަމަށް ނުވިސްނާ ފޯކަސް ރަނގަޅު ކުރުމަށް ކަމަށެވެ. ނަބާވެސް ވަނީ މިހާރު ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭ ކޮރިއާގެ ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ނަބީވެސް ވަނީ ނަބާގެ ވާހަކަތައް ފާހަގަކޮށްފައެވެ. ހާއްސަކޮށް ކޯޗުގެ ފަރާތުން ފެންނަ ކަންކަން ނަބީވެސް ފާހަގަކުރިއެވެ. އެގޮތުން މެޗުތަކަށް ރަނގަޅަށް ތައްޔާރުވާނެ ގޮތުގެ އިތުރުން ޓެކްޓިކަލީ ރަނގަޅު ކަންތައްތަކެއް ދަސްވެއްޖެ ކަމަށްވެސް ނަބީ ފާހަގަކުރިއެވެ.

ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިޝަތު އަފްނާން ރަޝީދު ބުނީ ފުރަތަމަކޮޅުގައި ފިޓްނަސް ދަށްކޮށް ހުރުމުން އުނދަގޫތަކެއް ދިމާވި ކަމަށާއި، ކޯޗުގެ ތަމްރީނުތަކާއެކު މިހާރު އެބައި ރަނގަޅުކުރެވިއްޖެ ކަމަށެވެ. އަދި މައިޝާ ފަތުހުﷲ ވެސް ވަނީ ކޯޗަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ބެޑްމިންޓަނުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައި އައުމުން، މި ފަހަރުގެ އައިއޯއައިޖީގައި ރަނގަޅު ވާދައެއް ކޮށް، މެޑަލް ހާސިލްކުރަން އޮތް ފުރުސަތަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް