ޖަރުމަނުގެ ބަޔާނަށް މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެ ކުލަބުގެ ފަރިތަކުރުންތަކަށް ހާޒިރުނުވާކަން ހާމަވެއްޖެ އެވެ.
ބަޔާންއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބުދަ ދުވަހު ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ޕަވާޑް ބައިވެރިވެފައެއް ނުވެ އެވެ. ސަބަބަކީ ޕަވާޑް ބަލިކޮށް އުޅޭތީ ކަމަށް ވެސް ވަނީ ބުނެފަ އެެވެ. ނަމަވެސް، ޖަރުމަނުގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ޕަވާޑް ފަރިތަކުރުންތަކަށް ނުކުމެ ހުރީ ކުލަބު ދޫކޮށްލަން ބޭނުންވާތީ އެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ ބަޔާންގެ ފަރާތުން ފެހި ސިގްނަލަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އުމުރުން 27 އަހަރުގެ ޑިފެންޑަރު ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބަޔާނުން އަންނަނީ ޕަވާޑުގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ބަޔާންގެ އެއްބަސްވުން އައު ކުރުމަށް ޕަވާޑް ބޭނުމެއް ނުވެ އެވެ. ޕަވާޑު ހޯދުމުގެ ޝައުޤުވެރިކަން އެންމެ ފުރަތަމަ ފާޅުކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. ނަމަވެސް އެކަމުގެ ތެރެއަށް އިޓާލިއަން ލީގުގެ އިންޓަ މިލާނުން ވަދެފައިވާ ކަމަށާއި، ޕަވާޑް ހޯދުމުގެ ރޭހުގެ ކުރީ އޮތީ އިންޓަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މިލާނުން ޕަވާޑް ހޯދުމަށް ހުށަޙަޅަނީ 32 މިލިއަން ޔޫރޯގެ އަގެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ސްޓަޓްގާޓް ދޫކޮށް ޕަވާޑް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޕަވާޑް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 163 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. 2019 ވަނަ އަހަރު ބަޔާނުން އޭނާ ހޯދީ، އޭގެ ކުރިން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ޕަވާޑުގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. ބަޔާނާއެކު މިހާތަނަށް އޭނާ ވަނީ 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ފްރާންސް ޤައުމީ ޓީމުން ޕަވާޑަށް ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 49 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.