ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 08:08
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
މިއީ ކުރިއަރަން އެންމެ ރަނގަޅު ކުލަބު: ސިލްވާ
 
ސިޓީ ކަހަލަ ވަރުގަދަ، ހުނަރުވެރި ކުޅުންތެރިން ތިބި ސްކޮޑެއްގައި އޭނާ ހިމެނުމަކީ ލިބޭ ޝަރަފެއް

މެންޗެސްޓަރ ސިޓީ އަކީ ކުރިއަރަން އެންމެ ރަނގަޅު ކުލަބު ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ބުނެފި އެވެ.

ސިލްވާ މިހެން ބުނީ ސިޓީ އާއެކު އޭނާގެ އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. ސިލްވާ ބުނީ، ސިޓީގައި އަބަދުވެސް އޭނާ އަންނަނީ މޮޅުވެ، އެކަމުގެ އުފާ ލިބިގަންނަމުން ކަމަށެވެ. ސިޓީ ދެކެ ވަނީ ޚާއްސަ ލޯތްބެއް ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި، ކޯޗާއެކު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވެސް ސިލްވާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ، ސިޓީ އާއެކު އެއްބަސްވުން އައު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. ހަމައެއާއެކު ސިޓީ ކަހަލަ ވަރުގަދަ، ހުނަރުވެރި ކުޅުންތެރިން ތިބި ސްކޮޑެއްގައި އޭނާ ހިމެނުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް ސިލްވާ ވަނީ ބުނެފަ އެވެ.

ސިލްވާ ބުނީ ސިޓީ ކުޅުންތެރިންގެ ކިބައިގައި އަބަދުވެސް ހުންނަނީ މޮޅުވުމުގެ ރޫހު ކަމަށެވެ. އަދި އަމިއްލަ ހަޔާތުގައި ވެސް އަދި ފުޓުބޯޅައިގައި ވެސް މޮޅު ނުވެވޭނަމަ، ކޮންމެ ވެސް ކަހަލަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް، މޮޅުވަމުން ދާ ވަރަކަށް އެކަންކަން ފޮހެވިގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސިލްވާ ފާހަގަ ކުރި ގޮތުގައި މިދިޔަ ސީޒަނުގެ ކާމިޔާބީ އަށްފަހު، މިއީ ވެސް ސިޓީ އަށް ވަރަށް އުނދަގޫ ސީޒަނަކަށް ވާނެ އެވެ. އެހެން ނަމަވެސް، އެކަންކަމާއެކު ވެސް މިއީ ވެސް ކާާމިޔާބު ސީޒަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސިޓީގެ އެއްބަސްވުން ސިލްވާ އައު ކުރީ އިތުރު އެއް އަހަރު ދުވަހަށެވެ. އެ ކުލަބާއެކު އޭނާގެ އެއްބަސްވުން ހަމަވާން އޮތީ 2025 ވަނަ އަހަރު އެވެ. ސިޓީން ސިލްވާގެ އެއްބަސްވުން އެއް އަހަރަށް އިތުރު ކުރީ، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ސްޕެއިންގެ ބާސެލޯނާ އިން ވެސް ގެންގުޅެމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް