ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާރުވެސް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ތަނާއި ގުޅޭގޮތުން ޝަކުވާ އަންނަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.
އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އީސީގައި ގާއިމުކޮށްފައިވާއިރު މިހާތަނަށް 13 ޝަކުވާއެއް ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 11 ޝަކުވާއަށް ޖަވާބު ދީފައިވާއިރު 2 ޝަކުވާ ބަލަމުންދާކަމަށް ހަބީބު ވިދާޅުވިއެވެ.
ނަމަވެސް ލިބޭ ޝަކުވާތަކުގެ ތެރޭގައި ރަޖިސްޓްރޭޝަނާއި ގުޅޭ ޝަކުވާތައް އަންނަމުންދާކަމަށާއި އެއީ ބަލައިގަންނަން އެހާ ފަސޭހަ ޝަކުވާތަކެއް ނޫންކަމަށް ހަބީބު ވިދާޅުވިއެވެ. އެއީ މިފަހަރަކީ ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ގާނޫނުގައި ބުނެފައިވާ މުއްދަތުގެ މާކުރިން ހުޅުވާލި ފަހަރަކަށްވާތީ ކަމަށް ހަބީބު ވިދާޅުވިއެވެ.
މެއި މަހުގެ ތެރޭގައި ގާނޫނު ލާޒިމްކުރާ މުއްދަތުގެކުރިން އެއް މަސްދުވަސްދިނިން ޝަކުވާއަށް. ރަޖިސްޓްރީވެފައި ތިބި މީހުންގެ ނަމާއި އެޑްރެސް. ދެން ބައެއް ފަރާތްތަކުން އެބަބުނޭ ނިޔާވެފައި ތިބި މީހުންގެ ނަންވެސް ރަޖިސްޓްރޭޝަންގައި އެބައޮތޭ. ނަމަވެސް ދެން މިވަގުތު ޔަގީންކަން ދެވޭނީ މަރުވެފައި އޮންނަ މީހުން ވޯޓުނުލާނެކަން. އެއީ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އޮންނާނެ ސިޔާސީ ޕާޓީތަކަށްވެސް ދީފައި އޮބްޒަރވަރުންނަށްވެސް މަންދޫބުން އަތުގައިވެސް އޮންނާނެ. ވޯޓުލާން އައިމަ ނަމާއެކު ގޮވާނެ. އެހެންވީމާ މަރުވެފައި އޮންނަ މީހަކަށް ނާދެވޭނެ ވޯޓުލާކަށް. ކުދިކުދި ކޮމިޔުނިޓީ މިހުންނަނީ. މިތަންތާ އެމީހާ ނޫން މީހަކު ވޯޓުލާނަމަ އެނގޭނެ. މިއީ ރާއްޖޭގެ ތާރީހުގައި ވޯޓު ފޮއްޓެއްގެ ކައިރީގައި ވޯޓުގެ ކަންކަން ހިނގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ރިކޯޑު އަދަދަކަށް މީހުން ރަޖިސްޓްރީވާން އެދުނު ފަހަރު. 17 މީހުންނަށް ވުރެ ގިނަ މީހުން ވޯޓު ފޮއްޓެއްގެ ކައިރީގައި ތިބޭނެ.އިސްމާއީލު ހަބީބު / އީސީގެ ނާއިބު ރައީސް
ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒެއްގައި ގޯސްކޮށް ކަމެއްނުދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ނަމަވެސް ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތައް ގެއްލޭ ފަދަ ކަންކަން ކެމްޕެއިންތެރެއިން ފެންނަމުންދާކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން އެކަހަލަ ކަންކަން ސޯޝަލް މީޑިޔާއިން ފެންނަމުންދާކަމަށް ހަބީބު ވިދާޅުވިއެވެ.