ބައެއް ފަރާތްތަކުން އިންތިޚާބުގައި ވާދަކުރައްވަނީ ދެވަނަ ބުރަކަށް ގޮސް މަގާމުުތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.
ބ. ކެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި ރައީސް ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދައްކަވާ ވާހަކަތާއި ވިސްނުން ހުރިގޮތުން ސީރިއަސް ކަމެއް ނެތްކަން ހާމަވާ ކަމަށެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ބައިބައިކޮށްގެން ދެވަނަ ބުރަކަށް ގެންދިއުމަށްފަހު ކޯލިޝަން ހަދައިގެން ބައި އެޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެހެންވެ، ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ތިބި ފަރާތްތަކާއި ޕާޓީތަކަށް އެންމެ ފައިދާ ހުރި ގޮތަކީ މިހާރު އެމަނިކުފާނާ ގުޅިވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
މާޒީގައި ކަންކަން ވެފައިވާ ގޮތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޤައުމު ހިންގޭނީ ޚިޔާލުތަފާތުވުންތަކާއެކުގައި ވެސް މަޝްވަރާތައް ކޮށްގެން ކަމަށެވެ. ނަމަވެސް އިންތިޚާބެއްގެ ދެވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން މަޝްވަރާ ކުރަން ފުރުސަތުތަކެއް ނުލިބޭނެ ކަމަށާއި އޭގެ ސަބަބުން މާގިނަ ދުވަހެއް ނުވެ ކޯލިޝަން ރޫޅެން ދިމާވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެވަނަ ބުރެއްގައި ކޯލިޝަނެއް ހަދައިގެން އުފެދުނު ކޮންމެ ސަރުކާރަކަށް ވެސް ވެގެންދިޔަ ގޮތް އެނގިވަޑައިގަންނަވާނެ. 2008 ގައިވެސް ވީ އެހެން. ފުރަތަމަ ބުރުގައި ވަކިވަކިން ގޮސް ކާމިޔާބު ނުވީމާ ދެވަނަ ބުރުގައި ކޯލިޝަނެއް ހެދީ. އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ނުލިބޭ ރަނގަޅު މަޝްވަރާއެއް ކުރަން. ދެން ޖެހޭނީ އެއްޗެއްގަ ސޮއި ކޮށްގެންސަރުކާރެއް ފޯމުކުރަން. މާގި ދުވަހެއް ނުވެ ކޯލިޝަން ރޫޅިގެންދަނީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް ވިދާޅުވީ މި ސަރުކާރުން ނިންމި ކޮންމެ ކަމެއް ވެސް ނިންމާފައިވަނީ އެ ކަމަކާ ގުޅޭ ހުރިހާ ފަރާތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، މިނިމަމް ވޭޖާއި މުސާރައިގެ އޮނިގަނޑު އިސްލާހު ކުރުމާއި ޓެކްސް ބޮޑުކުރުމާއި ސްކޫލް ޗުއްޓީ ބަދަލު ކުރުން ފަދަ ބޮޑެތި ނިންމުންތައް ނިންމާފައިވަނީ ސަރުކާރުގެ ބައެއް ފަރާތްތަކުން ދެކޮޅު ހެދިނަމަވެސް މަޝްވަރާގެ މަތީން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްތަކަށް ބަލައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ކެންދޫއަށް އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަން ވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބިން ހިއްކެން އޮތްވަރު ބަލައި ވީހާވެސް ބޮޑުކަށް ބިންހިއްކައި ފްލެޓް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ބީޗެއް ހަދައިދީ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައި ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ބޮޑުކުރައްވާނެ ކަމަށާއި ޒުވާނުންގެ ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ކެންދޫގައި އަމިއްލަ އަށް މަސް ޕްރޮސެސް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބޭ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.