10 އަހަރަށްވުރެ ދިގު އިންތިޒާރެއްގައި ތިބި ބަޔަކަށް ވިނަރެސް ފްލެޓު ދޫކުރުމުން މިސަރުކާރުން އެއްވެސް މީހަކު ބާކީ ނުކުރާނެކަން ހާމަވާކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ވިނަރެސް އެޕާޓުމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ހުރިހާ ސަރުކާރެއްގައި ވެސް ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިހާރުވެސް ކުރިއަށްދަނީ އެ މަސައްކަތް ކަމަށެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންނަށް އިޝާރާތް ކުރައްވައި އާތިފް ވިދާޅުވީ، މީގެތެރޭގައި ކުރީގެ ސަރުކާރުން އާރާއި ބާރު ބޭނުންކޮށްގެން އަމަލުކުރި ގޮތުން ހައްގުތައް ގެއްލުނު އެއްތައް ރައްޔިތުންނެއް ހިމެނޭ ކަމަށެވެ.
ގާތްގަނޑަކަށް، އަޅުގަނޑަށް އެނގިފަ ވާގޮތުން 10 ވަރަކަށް އަހަރުވެއްޖެ ބޯހިޔާވަހިކަމެއްގެ އުންމީދުގަ ތިބޭތާ. އެހެންވިޔަސް މިސަރުކާރުން އެކަމެއް ހައްލެއް ލިބެންދެން ކޮންމެސް ކަހަލަ ހައްލެއް މި އައީ ދެމުން. މިއަދަކީ އެފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބިގެންދާ ދުވަސް. މިސަރުކާރުން ބޯހިޔާވަހިކަމުގަ އަދި އެނޫންވެސް އަސާސީ އެއްވެސް ކަމެއްގަ އެއްވެސް މީހަކު ބާކީނުކޮށް ގެންދާނެކަމުގެ ވަރަށް ރަނގަޅު މިސާލެއް މީ. ބިންވެރިޔާގެ ސްކީމް އަދި ގެދޮރުވެރިޔާ ސްކީމްވެސް ޚާއްސަކޮށް ކުރީގެ ސަރުކާރުތަކުން ފަށާފަ ވާ މިފަދަ މަޝްރޫއުތަކަށް މި ލިބުނު މުއްދަތުގެ ތެރޭގަ ދިމާވި ވަރަށް ގިނަ މައްސަލަތަކެއް މިއަންނަނީ ހައްލުކުރަމުން. ހައްލު ކުރެވޭއިރު ކޮންމެ މައްސަލައެއްގެ ތެރޭގަވެސް އިތުރަށް ދިމާވާ ކަންކަމުގަވެސް މި އަންނަނީ ރިޔާއަތްކުރަމުން.އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އަހްމަދު އާތިފް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް އިޝާރާތްކުރައްވައި އާތިފް ވިދާޅުވީ، ހިޔާ ފްލެޓަށް މީހުން ބަދަލުވެގެން އައިއިރު، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި، މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެގޮތަށް ވިނަރެސް ފްލެޓްތަކަށް މީހުން ވަނުމަށްޓަކައި މަސައްކަތްތައް ކުރިއަށްދާއިރު، ޚިދުމަތްތައް ދެވޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެކަން އާތިފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ އާބަންކޯއިން ޕްރައިވެޓް ޑިވަލޮޕަރުންނާއެކު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެންމެންގެ މަސްލަހަތު ހިމާޔަތްކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.