ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 18:29
މާލެ ލީގުގައި ގްރީން ސްޓްރީޓާއި ވިކްޓްރީ ބައްދަލުކުރި މެޗެއްގެ ތެރެއިން
މާލެ ލީގުގައި ގްރީން ސްޓްރީޓާއި ވިކްޓްރީ ބައްދަލުކުރި މެޗެއްގެ ތެރެއިން
ޓްވިޓަރ
އެފްއޭއެމް
ގްރީން ސްޓްރީޓަށް އިންޒާރުދީ އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
ގްރީން ސްޓްރީޓުގެ އޮފިޝަލް މުހަންމަދު މީކާއީލް ނައުފަލް އަށް އެފްއޭއެމް އިން ވަނީ ފިޔަވަޅު އަޅާފައި
މިއީ މިހާތަނަށް މިފަހަރުގެ ސީޒަނުގައި އެފްއޭއެމްއިން ފިޔަވަޅު އެޅި 4 ވަނަ ޓީމް

އެސްޓީއޯ މާލެ ލީގުގައި މިމަހުގެ 4 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކުލަބާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗަށްފަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން އެފްއޭއެމް އިން ގްރީން ސްޓްރީޓުގެ އިފިޝަލަކަށް ފިޔަވަޅު އަޅައި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް އަމަލު ކުރުމަށް އެކުލަބަށް އިންޒާރުދީފިއެވެ.

އެފްއޭއެމްގެ ޑިސުޕްލިނަރީ ކޮމިޓީއިން ހޯމަ ދުވަހު ވަނީ، ގްރީން ސްޓްރީޓުގެ އޮފިޝަލް މުހަންމަދު މީކާއީލް ނައުފަލް 6 މެޗަށް ސަސްޕެންޑްކޮށް 6000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އޭނާއަށް އެކޮމިޓީއިން ފިޔަވަޅު އަޅާފައިވަނީ، ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ދަނޑަށް އަރައި ރެފްރީއަށް މަރުގެ އިންޒާރުދީ އަދި ބޯޅައިން ރެފްރީގެ ހައްޓަށް ހަމަލާ ދީފައިވާތީކަމަށް، އެއިދާރާއިން ހޯމަ ދުވަހު މީޑިއާތަކަށް ހިއްސާކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގްރީން ސްޓްރީޓުގެ އޮފިޝަލް އިބްރާހިމް އާޒިމްވެސް ރެފްރީންނަށް ބަހުގެ ހަމަލާ ދީފައިވާތީ އޭނާއަށް އިންޒާރުދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގްރީން ސްޓްރީޓުގެ ސަޕޯޓަރުން ވިކްޓްރީގެ ކޯޗް އަލީ ސުޒޭނަށް ބަހުގެ ހަލާ ދީފައިވާތީ، އެފަދަ ކުޅިވަރުގެ ރޫހާއި ހިލާފު ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްއެދި އެކުލަބަށް އިންޒާރު ދޭން ނިންމާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިފަހަރުގެ ސީޒަނުގައި މިހާތަނަށް އައިއިރު އެފްއޭއެމް އިންވަނީ، ގްރީން ސްޓްރީޓުގެ އިތުރުން 3 ކުލަބަކަށް މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެކުލަބުތަކަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ކްލަބް އީގަލްސް އެވެ. ނިއުގެ 4 ކުޅުންތެތިއަކަށް އެއިދާރާއިން ފިޔަވަޅު އަޅާފައި ވާއިރު، އީގަލްސްގެ ކުޅުންތެރިއަކާއި އޮފިޝަލަކަށް އެއިދާރާއިން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މާޒިޔާގެ ދެ އެސިސްޓަންޓް ކޯޗުންގެ އިތުރުން އެކުލަބުގެ ވައިސް ޗެއާމަންއަށް އެފްއޭއެމް އިން ވަނީ ބޮޑު އަދަބެއް ދީފައެވެ.

- ކޮމެންޓް