ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 12:52
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު
ހަނިމާދޫގެ އެއަރޕޯޓް: އަލަށް ގާއިމް ކުރާ ރަންވޭގެ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ
ރަންވޭގެ ދިގު މިނުގައި ޖުމްލަ 2765 މީޓަރު ހުންނާނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ބުނެފިއެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި، އައު ރަންވޭގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާއިރު މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން ކުރަމުން ދާ ރަންވޭ ވަކި ހިސާބަކުން ގުޅެއެވެ.

އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތުން ނޫސްވެރިންނާއި ހިއްސާކުރައްވަމުން އާރްއޭސީއެލް ގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވީ ރަންވޭ އަދި ސޭފްޓީ އޭރިއާ އާއެކު މި ރަންވޭގެ ދިގު މިނުގައި ޖުމްލަ 2765 މީޓަރު ހުންނާނެ ކަމަށާއި މިއީ އެންމެ ބޮޑެތި ބޯޓު ފަހަރުތައް ކަމަށްވާ  A320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭނެ ކަމަށެވެ.

އަހްމަދު އިބްރާހިމް ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރއަށް ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭ އާ އެކު އެއާޕޯޓުގެ ޓާމިނަލް އާއި ޖެޓީ އަދި އެހެނިހެން އިމާރާތްތައް އިމާރާތްކުރުމުގެ މަސައްކަތް ވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ޖެޓީ ޓާމިނަލް ބިލްޑިން، އޭޓީސީ ޓަވަރާއި، ކާގޯ ކޮމްޕްލެކްސް، ކަރަންޓު ސަބްސްޓޭޝަންގެ އިތުރުން ވޮޗް ޓަވަރާއި އެމްއެންޑީއެފް ޕްލޮޓް އިމާރާތް ވެސް ހިމެނެއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެކަމުގެ އިޤްތިޞާދީ މަންފާ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ 18ވަނަ ދުވަހު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. މިއީ މާލެ ފިޔަވާ އެހެން ތަނެއްގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ. މުޅި މި މަޝްރޫޢު 2024 ގައި ނިމޭނެ ކަމަށް ލަފާކުރާއިރު މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

- ކޮމެންޓް