ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 17:15
ގަތަރު 2022 ވޯލްޑްކަޕްގެ ލޯގޯ
ގަތަރު 2022 ވޯލްޑްކަޕްގެ ލޯގޯ
ގޫގުލް
ފީފާ ވޯލްޑްކަޕް 2022
ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި
ދެކޮޅު ހަދާފައިވަނީ ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން
އެގައުމުތަކުން ވަނީ މުބާރާތް ބޮއެކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައި

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް އެގައުމުގައި ނުބޭއްވުމަށް ހަ ގައުމަކުން ފީފާގައި އެދިއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅަ މައި އިދާރާ (ފީފާ) އިން ބުނެފައުވާ ގޮތުގައި އެއިދާރާއަށް މައްސަލަ ހުށަހަޅާފައިވަނީ ދާދި ފަހުން ގަތަރާ ގުޅުން ކަނޑާލާފައިވާ  ހަ ގައުމުންނެވެ. އެއީ ސައުދީ އަރަބިއާ، ޔަމަން، އެކުވެރި އަރަބި އިމާރާތް، މޮރިޓޭނިއާ، މިސްރު، އަދި ބަހްރެއިންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ވިދާޅުވެފައިވާ ގޮތުގައި، މި ގައުމުތަކުން ވަނީ ގަތަރަކީ ޓެރަރިޒަމްގެ އަމަލުތަށް ހައްދުފަހަނަ އަޅާމިންވަރަށް އޮތް ތަނެއް ކަމަށާއި، ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ނުރައްކާތެރި ތަނެއް ކަމަށް ބުނެފައެވެ. އެގޮތުން އެގައުމުތަކުން ވަނީ ގަތަރު ނޫން އެހެން ގައުމެއްގައި މުބާރާތް ބޭއްވުމަށް އެދިފައެވެ.  ގަތަރުގައި މުބާރާތް ބާއްވާނަމަ މުބާރާތް ބޮއިކޮޓް ކުރާނެ ކަމަށް އެ ގައުމުތަކުން ބުނެފައިވާ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ ވޯލްޑްކަޕް މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގައުމު ނޫން އެހެން ގައުމަކަށް މުބާރާތް ބަދަލުކުރުމުގެ ބާރު، ފީފާގެ ގަވައިދުގެ 85 ވަނަ މާއްދާގެ ދަށުން އެއިދާރާއަށް ލިބިގެންވެއެވެ. ނަމަވެސް ފީފާއިން މީގެ ކުރިން ބުނެފައިވާނީ، ގަތަރުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ހުރިނަމަވެސް އެއީ އެއިދާރާއިން ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެގައުމުގެ ހާލަތު އެއިދާރާއިން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ބިޑް ކާމިޔާބުކުރުމަށް ކޮރަޕްޝަނުގެ އަމަލުތަކެއް ކޮށްފައިވާ ކަމަށްބުނާ ޑޮކިއުމެންޓް ރިޕޯޓްތަކެއްވެސް ދާދި ފަހުން ވަނީ އާންމު ވެގެން ގޮސްފައެވެ. އެ ރިޕޯޓްތަކުގައި ވާގޮތުން، ގަތަރުން ވަނީ ފީފާގެ އޭރުގެ އިސް ވެރިއެއްގެ ދަރިއެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައެވެ. އަދި އެގައުމުގެ ފުޓުބޯޅަ މައި އިދާރާގެ ޕްރައިވެޓް ޖެޓެއްގައި ފީފާގެ އިސް ވެރިންތަކެއްވަނީ ދަތުރުތަކެއްވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް