ސައުދީ ޕްރޯ ލީގުގައި އަލް ހިލާލުން އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މިއީ އައު ސީޒަނުގައި އަލް ހިލާލު ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަލް ފެއިހާ އިން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓު މުހިންމުވި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ފެއިހާ އިންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފެޝަން ސަކާލާ އެވެ. އޭގެ ފަސް މިނެޓު ފަހުން އަލް ހިލާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުﷲ އަލް ޙަމްދާން އެވެ. އޭގެ ފަހުން އަލް ހިލާލްގެ ސަލީމް އަލް ދައުސަރީ އަށް ވަނީ ލީޑު ނަގާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އަލް ހިލާލް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ހަމަ އެ އަދަަދަށް ޕޮއިންޓު ހޯދައިގެން އަލް ފެއިހާ އޮތީ ހަ ވަަނައިގަ އެވެ. ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ޔޫރަޕުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިން ހޯދަމުން އަންނައިރު، އަލް ހިލާލަކީ އެންމެ ބޮޑަށް އެ މަސައްކަތް ކުރާ އެއް ކުލަބެވެ. އެ ކުލަބުން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް ރެކޯޑު އަގެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މެސީ އެކަން ޤަބޫލު ނުކުރުމުން، މިހާރު އެ ކުލަބުން ވަނީ ބްރެޒިލްގެ ނޭމާ ޖޫނިއާގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން މޮރޮކޯގެ ގޯލްކީޕަރު ޔަސިން ބޯނޯގެ ސޮއި ހޯދައި، ކުލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ވަނީ ރަސްމީކޮށް ދައްކައިލާފަ އެވެ.