ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 17:16
އެއްބަސްވުމުގައި ސޮއިކުރެއްވުން
އެއްބަސްވުމުގައި ސޮއިކުރެއްވުން
އެމްޓީސީސީ
އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީކުރުން
އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
 
60.26 މިލިއަން ރުފިޔާ ހޭދަވާނެ
 
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު، ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ.

އެމްޓީސީސީން ބުނީ 3,508 މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫ ރައްޔިތުންނަކީ ހީވާގި މުރާލި ބަޔެއް ކަމަށާއި، މިކަން، ރަށުގައި ފުޅާވެފައިވާ މަސްވެރިކަމާއި އޮޑިފަހަރު ބަނދެ އެހެލަން ހެދިފައިވާ ހަރުގެތަކުން ހެކިދޭ ކަމަށެވެ. އިހަވަންދޫ ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ދެ ސިނާއަތަކީވެސް މަސްވެރިކަމާއި އޮޑިފަހަރު ބަނދެ އެހެލުމެވެ. އެގޮތުން މި ރަށުގައި މިހާރުވެސް މަހަށްދާ 15 ދޯންޏާއި އޮޑިފަހަރު އެހެލައި، ބަނުމަށް ހެދިފައިވާ 27 ހަރުގެ އެބަހުއްޓެވެ.

މި މަޝްރޫއަކީ 60.26 މިލިއަން ރުފިޔާއަށް، 500 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

މި މަޝްރޫއުގެ ދަށުން، 5.5 މީޓަރު އެމް.އެސް.އެލްގެ 47,161 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 3.5 މީޓަރު އެމް.އެސް.އެލްގެ 3060 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށި ލުމާއ،ި 66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި ބޮލާރޑް ހަރުކުރުމާއ،ި ވީ-ފެންޑާ ހަރުކުރުމާއ،ި 3437 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި ރަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަނބިދަރިން ދޫކޮށްފައި މާލެ ނުވަތަ ފެލިވަރަށް މަސްކިރަން ދާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ. އަދި އެ ދަތުރުގެ ޚަރަދުވެސް ދެން ކުރާކަށް ނުޖެހޭނެ ކަމަށާއި، މިއީ ޒުވާނުން ގިނަ އަދަދަކަށް ގުޅެމުން އަންނަ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ލިބިގެންދާނޭ މަޝްރޫއެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.

އެމްޓީސީސީން ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިހަވަންދޫ މައި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ނިންމާލާފައެވެ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 62.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް