ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
އެމްއޭސީއެލްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައެވެ. އެމްއޭސީއެލްއާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމު އޮތީ 1 މޭއި 2023 އިން 31 ޖުލައި 2023 އަށެވެ.
ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަރ ސޮސައިޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި، ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ހާއްސަ އެލަވަންސް ކޮންމެ ކުއްޖަކަށް ދެވިފައެވެ. އަދި އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދީފައިވެއެވެ. އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި ކަސްޓަމަރ ސާވިސްގެ މަސައްކަތުގެ އިތުރުން އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ އިންޓާންގެ ބައިވެރިންނަށް ދީފައެވެ. މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ ސުޕަވައިޒަރުންގެ އިރުޝާދާއެކު އެ ކުދިންނަށް ވަނީ މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިގެން ގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނުކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.